ޚަބަރު

ކޯވިޑް-19 : ޗީފް އޮފް ޑިފެންސް ފޯހާއި ޑިފެންސް މިނިސްޓަރުގެ ތައުރީފު ސިފައިންގެ ޖަމާޢަތްތެރިންނަށް


ކޯވިޑް-19 ގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާގެ ކަށުކަމާއިކެމީގެ ކަންކަން ކުރި ސިފައިންގެ ކަނބަލުންނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ޝުކުރު އަދާކުރައްވައިފިއެވެ.

ކޯވިޑް19 ގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާ އާމިނަތު އާދަމްގެ ކަށުކަމާއިކެމީގެ ކަންކަން ކުރިއަށް ގެންދެވީ ސިފައިންގެ ތެރޭގައި މިކަމުގެ ތަމްރީން ދެވިފައި ތިއްބެވި އަންހެން އޮފިސަރުންނެވެ.

ޗީފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވަނީ ކަށުކަމާއިކެމީގެ ކަންކަން ކުރެއްވި ޖަމާޢަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި ވިދާޅުވީ ސިފައިންގެ ތެރެއިންވެސް ޤައުމީ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ ވަގުތެއްގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަމުގައި ކުޑަވެސް މަޑުޖެހުމެއް ނައިސް ސާބިތުކަމާއެކު ސިފައިން ތިބޭނެކަމުގެ ޔަޤީންކަންދެއްވާ ކަމަށެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި ފުރަތަމަ މީހާގެ ކަށުކަމާއި ކެމީގެ ކަންތައްތަކާއި ޖަނާޒާގެ ކަންކަމުގައި ހަރަކާތްތެރިވި ސިފައިންގެ އޮފިސަރުންގެ މަސައްކަތް ފާހަގަ ކުރައްވައި ޑިފެންސްމިނިސްޓަރ މާރިޔާ އަހުމަދު ދީދީވެސް ވަނީ، ތައުރީފް ކުރައްވާފައެވެ،

ޑިފެންސް މިނިސްޓަރ މާރިޔާއަހުމަދުގެ ޓްވީޓުގައިވެސް، ސިފައިންގެ ތެރެއިން ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށްވެސް ޤައުމު އެދި ގޮވާލި ކޮންމެ ކަމެއްގައި އެއޮފިސަރުން ގެންދަނީ ޤައުމީ ވާޖިބު އަދާކުރައްވަމުންކަން ވަނީ ފާހަގަކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓުވީޓް --

ކޯވިޑް19 ގައި މަރުވި އާމިނަތު އާދަމްގެ ޖަނާޒާ ބާއްވާފައި ވަނީ ރޭގެ މެންދަމުގެ ވަގުތުގައެވެ. ކަށުކަމާ ކެމީގެ ކަންކަން ކުރިޔަށް ގެންދިޔައީ ދީނީ ޢިލްމުވެރިންގެ މަޝްވަރާގެ މަތިން އެކަމުގެ ތަމްރީން ލިބިފައިވާ ސިފައިންނެވެ. އެ ސިފައިން ތިބީ ރައްކާތެރި ކަމުގެ ސޫޓް ލައިގެންނެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ 280 އަށް އިތުރުވެފައެވެ.