ވިޔަފާރީގެ އުސޫލުން އެކި ޚިދުމަތްތައް ދިނުމަށް ފުލުހުން ދޫކުރި ހުއްދަތައް ބާޠިލްކުރަން ނިންމައިފިއެވެ.
ކޯވިޑް-19އާ ގުޅިގެން ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާއި ޙިއްސާކުރައްވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ޑެލިވަރީކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރަން ނިންމީ އާންމުން ބޭރަށް ނިކުމެ އުޅުމުގައި މިހާރު ފުލުހުން ގެންގުޅޭ އުސޫލުތަކަށް މިހާރު ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިންކަމަށެވެ.
ފައިރޫޝް ވިދާޅުވީ މިހާރު ދޫކޮށްފައިވާ ވިޔަފާރި ހުއްދަތައް ބާތިލުކުރަން ނިންމީ ފުލުހުން ދޫކުރާ ފާހުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގިޮތުގައި ބޭނުންކުރަމުން އަންނާތީ އެކަން ހުއްޓުވުމަށްކަމަށެވެ. މިގޮތުން މިހާރު ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރަން ފަށާނީ މާދަމާ މެންދުރު 12އިން ފެށިގެން ކަމަށާއި ހުރިހާ ހުއްދަތަކެއް 48 ގަޑިރުގެ ތެރޭގައި ބާތިލުވާނެކަމަށެވެ.
ފައިރޫޝް ވިދާޅުވީ ހުއްދަތައް ބާތިލުކުރި ނަމަވެސް މިހާރު ހުއްދަ ނަގާފައިވާ ފަރާތްތަކުން ދެމުން ގެންދާ ހިދުމަތްތައް ހުއްޓުމުކަށް އަޔަ ނުދިނުމަށް އަލުން ފާސް ހެއްދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަލަށް ދޫކުރާ ފާސްގެ ސެކިއުރިޓީ ފީޗަރސްތައް ވަރުގަދަކޮށްފައިވުމުން ފާސް ދޫކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތެއް އެ ފާސް ބޭނުންކުރާނަމަ އެކަން ދެނެގަތުން ފަސޭހަވެގެންދާނެކަމަށް އޭސީޕީ ފައިރޫޝް ވިދާޅުވިއެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.
ވިޔަފާރީގެ އުސޫލުން އެކި ޚިދުމަތްތައް ދިނުމަށް ފުލުހުން ދޫކުރި ހުއްދަތައް ބާތިލްކުރަން ނިންމާފައި ވީނަމަވެސް، އާންމުން ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމަށް ދޫކުރި ފާސްތައް ބާތިލް ނުވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. ފުރަބަންދުގެ މިހާލަތުގައި ވިޔަފާރީގެ އުސޫލުން އެކި ޚިދުމަތްތައް ދިނުމަށް ބޭނުންވާ ފަރާތްތައް މިހާރު ފުލުހުންގެ ޕޯޓަލް https://police.gov.mv/permit/ އަށް ވަދެގެން ޕާމިޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.