ޚަބަރު

ކޯވިޑް-19 : ޗުއްޓީއަށް ނުގޮސް އަންނަ މަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު އިތުރުކުރަން ނިންމައިފި


ޗުއްޓީއަށް ނުގޮސް އަންނަ މަހުގެ ނިޔަލަށް މަޖިލީހުގެ މި ހިނގާ ދައުރު އިތުރުކުރަން ނިންމައިފިއެވެ. މިގޮތައް ނިންމާފައިވަނީ މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި މިކަމަށް ފެންނަކަމަށް 67 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަންނަ މަހު ޗުއްޓީ ނުލިބޭ ގޮތަށް ފުރަތަމަ ދައުރުގެ ޖަލްސާތައް ދިގު ދަންމާލުމަށް ނިންމެވީ މި ދަނޑިވަޅަކީ ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ ދުވަސްވަރެއްކަމުގައި ވުމުން މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިއުމުން ދަތިތަކެއް ދިމާވެދާނެކަމަށް ބެލެވޭތީކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން މި ދަނޑިވަޅުގައި ސަރުކާރުގެ މުއައްސަސާތައް ޒިންމާދާރުކުރުވާ، އެފަރާތްތަތަކަށް ދޭންޖެހޭ ނަސޭހަތް ދިނުމުގައި މަޖިލިސް ދެމި އޮންނާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލިހުގެ ޤަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ. އަދި މެމްބަރުން އަންނަ މަހު ޗުއްޓީއަށް ވަޑައިގަންނަވާ ގޮތަށް ގަވައިދު ތަންދޭ އިރު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށަން ގަވާއިދުގައި ވަނީ ޖޫން މަހުގެ ތެރޭގައެވެ. އެހެންވެ، ރިޔާސަތުން ހުށަހަޅާ ކަމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ހުށަހެޅުއްވީ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށެވެ.

ކޯވިޑް-19ގެ ޙަލަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޙާލަތު ރަނގަޅު ނުވާނަމަ ޖަލްސާތައް ބާއްވާނީ މިގޮތައްތަކަމަށް މަޖިލީހުން ހާމަކުރައްވައެވެ. 87 މެމްބަރުންނާއި އަމީން ޢާންމާއި ކައުންސިލަރ ޖެނެރަލާއި ސާޖަންޓް އެޓް އާމްސްގެ އިތުރުން އެ މަސައްކަތާއި ގުޅޭ އިދާރީ މުވައްޒަފުން ހިމެނޭހެން މި ކޮންފަރެނސްގައި 92 ބައިވެރިން ބައިވެރިވެވެއެވެ.

ކޯވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދަން މަޖިލީހުން ނިންމީ މިދިޔަ މާރޗް މަހުގެ 24 ވަނަދުވަހުއެވެ.