ވިޔަފާރި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތް ފަށައިފި


ދިވެހި ސަރުކާރުގެ ހިއްސާވާ ދަނޑުވެރިކަމުގެ ކުންފުނި "އެގްރޯ ނޭޝަނަލް ކޯޕަރޭޝަން" ގެ މަސައްކަތް ފަށައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

"އެގްރޯ ނޭޝަނަލް ކޯޕަރޭޝަން" މެދުވެރިކޮށް ދިވެރިރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްޤީކުރުމަށް މަސައްކަތްކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެ ކުންފުނިން މިހާރު ދަނީ ކޯވިޑް-19ގެ ސަބަބުން ދިވެރިރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް ކާބޯތަކެތި ހޯދުމަށް މިދަނޑިވަޅުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރަމަޟާންމަހު ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުން އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ރަށު ކައުންސިލްތަކާއި ގުޅިގެން ގަތުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގްރޯ ނެޓަށް ތަކެތި ވިއްކަން ބޭނުންވާ ދަނޑުވެރިންނާއި އެގްރޯނެޓުން ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުންވެސް އެކަމަށް ޚާއްޞަކޮށްފައިވާ ފޯމެއް ފުރައި ރަޖިސްޓްރީ ވާންޖެހެއެވެ. އަދި އެގްރޯނެޓުން ވަނީ އެކި އަތޮޅުތަކުން ގުޅުމަށް ވަކި ނަންބަރުތަކެއްވެސް އާންމުކޮށްފައެވެ.

އެގްރޯނެޓް ކުންފުނި އުފެއްދުމުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދުގެ އަމާޒުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި އާލާކުރުމެވެ. މީގެއިތުރުން ދުރުރާސްތާގެ ކާބޯތަކެތީގެ ޔަޤީންކަން ހޯދައި އިންޕޯޓް ސަބްސްޓިޓިއުޝަންގެ އަމާޒުތައް ޙާސިލްކުރުމާއި ވަޒީފާގެ ފުރުސަތުތަކާއި ޓްރޭޑް ބެލެންސް ފަދަ އިޤްތިޞާދީ ލަނޑުދަނޑިތައް ޙާސިލްކުރުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެގްރޯ ނެޓަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.