ޚަބަރު

ކޯވިޑް-19 : ނުރައްކާ ބޮޑީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް - ރައީސް


ކޯވިޑް-19ގެ ނުރައްކާ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވެފައިވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަރޑް އޮނަރަބަލް ޑޮމިނިކް ރާބް އާ ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާގައެވެ. މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ދެ ބޭފުޅުންވެސް ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ދެ ޤައުމުގައިވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މާރިޗު 4 ވަނަ ދުވަހު ރާއްޖެއިން ކޯވިޑް-19 ގެ ބަލިމަޑުކަން އަލަށް ފެނުނުފަހުން، މަހަކަށްވުރެ ގިނަ ދުވަސް، ޢާންމުންގެ ތެރޭގައި ބަލިމަޑުކަން ފެތުރުނަ ނުދީ ހިފަހައްޓާލެވުނު ނަމަވެސް ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދުގައި ހަލުއި މިނުގައި މި ވައިރަސް ފެތުރެން ފަށާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރައްވާފައިވާކަމަށާއި ގްރޭޓަރ މާލެ ސަރަޙައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި އިޖްތިމާޢީ ގައިދުރުކަމުގެ ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް އަޅުއްވަމުންގެންދަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުއިސައްތައަށް ވުރެ މަތިވެފައިވީ ނަމަވެސް ކަމާގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކީ ސަރުކާރުން އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކުން މި ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނެކަމާމެދު ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިކަމުގެ ސަބަބުން އަޅަންޖެހިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާކަން ފާހަގަކުރައްވައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުން ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސި ވިލާތަށް ކުރަމުންދާ އަސަރުތައް ދެނެވަޑައިގެން ހުންނެވިކަން ފާހަގަކުރައްވާފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ރަސްމީގޮތުން އޮފީހާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އެމަނިކުފާނު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށްވުމަށް އިނގިރޭސިވިލާތުން ދެއްވެވި އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.