ޚަބަރު

ކޯވިޑް-19 : ކޯޓު އަމުރެއްގެ ދަށުން އޮސްޓްރިއާ މީހަކު ކަރަންޓީނުކޮށްފި


ރާޢްޖޭގައި ކަރަންޓީން ފެސިލިޓީއަށް ދާން ދެކޮޅުހެދި އޮސްޓްރިއާ ރައްޔިތަކު ކަރަންޓީން ފެސިލީޓީއެއްގައި ބަންދުކުރުމުގެ އަމުރެއް ސިވިލްކޯޓުން ނެރެފިއެވެ.

މިއީ މިފަދަ އަމުރެއް ސިވިލް ކޯޓުން ނެރުނު ތިން ވަނަ ފަހަރެވެ. އަދި ބިދޭސީއެއްގެ މައްޗަށް މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލު ހާލަތުގައި އަމުރަށް ކިޔަމަން ނުވި 3 ދިވެއްސަކު މިމަހުގެ 20 އަދި 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވެއެވެ.

މާލެއިން ނުވަތަ ރާއްޖޭގެ އެހެން ރަށަކުންވެސް މީހުން ކަރަންޓީނަށް ގެންދަން ނިންމައި އެކަން އަންގަނީ ކޯވިޑް-19ގެ އަލާމާތްތަކެއް ހުރުމުން ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލި ހުރިމީހަކާއި ދިމާވެފައިވާކަން އެނގިފައިވާ މީހުންނެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އާއްމު ސިއްޙަތުގެ ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ ދަށުންނެވެ. ކޯވިޑް-19 ގެ މިހާލަތުގައި މިފަދަ މައްސަލަތަކުގައި ކޯޓު އަމުރު ނެރުއްވާނެގޮތުގެ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.

ކޯޓު އަމުރެއްގެ ދަށުން ބިދޭސީއަކު ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާއިރު، ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު މިހާރު މޮނިޓަރިންގްއަށް ލާފައިވާ ކުޅުދުއްފުށި ސިޓީއަށް ހުއްދައަކާއި ނުލާ އަރަން އުޅުނު 2 މީހަކު ރޭގެ ވަގުތެއްގައު ވަނީ ހައްޔަރުކޮށްފައެވެ

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވަނިކޮށް މި ދެ މީހުން ކުޅުދުއްފުށި ސިޓީއަށް އަރަން މަސައްކަތްކޮށްފައިވަނީ، ކެނޯއެއްގައި އައިސް އެ ސިޓީގެ އެއަރޕޯޓްކައިރިންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކުޅުދުއްފުށި ސިޓީއަށް ކެނޯއެއްގައި ގޮސް އަރަން އުޅުނު ބަޔަކު ހަމަ އެ ސަރަހައްދުން ހައްޔަރުކޮށްފައިވެއެވެ. އެފަހަރު ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރުން ކުޅުދުއްފުށި ސިޓީއަށް އަރަން މަސައްކަތް 23 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ ފިރިހެނެކެވެ.

ވަކިގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަމުރުކުރައްވާފައެވެ. މިޙާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.