ޚަބަރު

ކޯވިޑް-19 : ކުރެއްދޫގައި ތިބި އެންމެންގެ ސާމްޕަލް ނަގައިފި، 173 މީހުން ނެގެޓިވް


ކުރެއްދޫއިން ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ނެގި ސާމްޕަލްގެ ތެރެއިން 173 ސާމްޕަލް ނެގެޓިވްވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެން.އީ.އޯ.ސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ކުރެއްދޫގައި ތިބި ހުރިހާ އެންމެންގެ ސާމްޕަލްތައް ނަގާފައިވާކަމަށެވެ. އެހެންނަމަވެސް އެ ރަށުގައި ތިބީ ކިހާ ޢަދަދެއްގެ މީހުންކަމެއް އެސެންޓަރުން ހާމައެއް ނުކުރައްވައެވެ.

ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން ކޯވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނުނު ރިސޯޓެވެ. އެރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ އިޓަލީ ފަތުރުވެރިއަކު މި ބައްޔަށް ޕޮޒިޓިވްވެފައިވުމުން ކުރެއްދޫއިން އޭނާއާ ސީދާ ދިމާވި މީހުން ވަނީ ޓެސްޓް ހަދާފައެވެ. އެއާއެކު އެރިސޯޓުގެ ޑޮކްޓަރުވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ފަހުންވެސް 4 މީހަކު ބައްޔަށް ޕޮޒިޓިވްވެ އެ ރިސޯޓުން ޖުމްލަ 5 މީހަކު މިހާތަނަށް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެ އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒިފުން އެރިސޯޓުން ނުފައިބާ ތިބޭތާ 50 ދުވަސްވަނީ ވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ ކުރެއްދޫ ކޭސްއަކީ ތަފާތު ކޭސްއެއް ކަމަށާ އެރިސޯޓުން މީހުންނަށް ފޭބޭނީ ހުރިހާ މުވައްޒިފުން ޓެސްޓް ކުރުމަށްފަހުކަަމަށެވެ.

އެހެންކަމުން އެރަށުގައި ތިބި ހުރިހާ މުވައްޒަފުން ކޯވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރާއްޖެއިން މިހާތަނަސް ވަނީ 214 މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.