ޚަބަރު

ކޯވިޑް-19 : އޮކްސްފޯޑުގެ ވެކްސިން ޓެސްޓްކުރަން ފަށައިފި، ޔަޤީންކަން ބޮޑު


ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19ގެ ބިރުވެރިކަމާއެކު މުޅި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. 3 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހިއްޖެއެވެ. 2 ލައްކައަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ފަހުގެ ޒަމާނެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމާއެކު އެންމެންވެސް އުޅެންޖެހިފައި މިވަނީ ދެން ވާނެ ގޮތެއް ނޭނގޭ ފަދަ ޙާލަތެއްގައެވެ.

ކޯވިޑް19އިން ރައްކާތެރިވުމަށް މިވަގުތު ކުރެވެން އޮތް ހަމައެކަނި މަސައްކަތަކީ އިޖްތިމާޢީ ގައިދުރުކަން އިތުރުކުރުމެވެ. މިވަގުތު ކޯވިޑަށް ޚާއްސަ ބޭހެއް އުފެއްދިފައިނުވާއިރު، އެބަލިން ރައްކާތެރިވުމަށް ވެކްސިނެއްވެސް ނެތެވެ. ސިއްޙީ މާހިރު ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން އާއްމު ދިރުއުޅުމަށް އުޖޫޢަވެވެން އޮތީ ކޯވިޑް19 އަށް ވެކްސިނެއް ހޯދައިގެނެވެ.

ކޯވިޑް19އަށް ވެކްސިނެއް ހޯދަން ކުރާ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ. އޭގެތެރޭގައި ޗައިނާ، އެމެރިކާ، ޖަރުމަންވިލާތުގައި އަދި އިނގިރޭސިވިލާތް ހިމެނެއެވެ. ނަމަވެސް އަވަސް މުސްތަޤްބަލެއްގައި ވެކްސިނެއް ލިބިދާނެކަމަށް ސިއްހީ މާހިރުން ޤަބޫލެއް ނުކުރައްވައެވެ. އެއީ އާއްމު ގޮތެއްގައި ވެކްސިނެއް އުފައްދަން އެތައް އަހަރުތަކެއް ނަގާތީއެވެ. މިހާތަނަށް އެންމެ އަވަހަށް އުފެއްދި ވެކްސިންތައްވެސް އުފައްދާފައިވަނީ 6 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

40 މިލިއަން ޕައުންޑްގެ ފަންޑަކާއެކު އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވަރސިޓީގައި ކޯވިޑްއަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތްކުރާ މާހިރުންގެ ވިސްނުން ތަފާތެވެ. އޮކްސްފޯޑުގެ ޓީމުން ޤަބޫލުކުރާ ގޮތުގައި، އެމީހުންގެ މަސައްކަތް ކާމިޔާބުވެއްޖެނަމަ އަންނަ ސެޕްޓެމްބަރުމަހު ކޯވިޑްއަށް ހާއްސަ ވެކްސިނުގެ އެތައް މިލިއަނެއް ޑޯޒެއް ހުންނާނީ ތައްޔާރުވެފައެވެ. އެގޮތަށް އެމަސައްކަތް ކުރިއަށްގޮސް ވެކްސިނެއް ހޯދިއްޖެނަމަ، އެ ވެކްސިން ވެގެންދާނީ ދުނިޔޭގެ ތާރީޙުގައިވެސް އެންމެ އަވަހަށް ބައްޔަކަށް ހޯދި ވެކްސިނަށެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިން ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ހިންގެވުމުގައި އިސްކޮށް ހުންނަވާ ޕްރޮފެސަރ ސާރާ ގިލްބަޓް ވިދާޅުވީ ވޫހާންއިން ކޮރޯނާ ވައިރަސް ފެތުރެން ފެށި ހިސާބުން ވެކްސިނެއް ހޯދުމުގެ މަސައްކަތް އޭނާ ޓީމުން ފެށިކަމަށެވެ. އަދި އޭރު ވެކްސިނެއް ހޯދަން މަސައްކަތްކުރީ ފެތުރެމުންދަނީ ކޮން ބައްޔެއްކަން ރަނގަޅަށް ނޭނގިކަމަށްވެސް ސާރާ ވިދާޅުވިއެވެ. ނަމަވެސް ޖެނުއަރީ 10 ވަނަ ދުވަހު ޗައިނާއިން ކޮރޯނާވައިރަސްގެ ފުލް ޖީނޯމް ސީކުއެންސް އާއްމުކުރުމާއެކު، ސީދާ ނޮވެލް ކޮރޯނާއަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ފެށުނުކަމަށް ސާރާ ވިދާޅުވިއެވެ.

ވެކްސިނެއް އުފެއްދުމަށް ކުރި މަސައްކަތް އޮކްސްފޯޑުގެ ޓީމަށް ފަސޭޙަވެގެންދިޔައީ "ޗާޑޮކްސް1" ނަމަކަށް ކިޔާ ޓެކްނޮލޮޖީއެއްގެ ސަބަބުންނެވެ. މިއީ ކޮރޯނާވައިރަސްއާ އެއްގޮތް އެހެން ވައިރަސްތަކުން ފެތުރޭ ބަލިތައް ކޮންޓްރޯލްކުރުމަށް އުފައްދާ ވެކްސިންތައްވެސް އުފެއްދުމަށް ބޭނުންކުރި ޓެކްނޮލޮޖީއެކެވެ.

ޖެނުއަރީމަހު މެދުތެރޭގައި ފެށި މަސައްކަތަށް މިހާރު 3 މަސްވެފައިވާއިރު، އޮކްސްފޯޑުގެ ޓީމުން ވަނީ ވެކްސިނެއް އުފައްދާފައެވެ. އޮކްސްފޯޑުގެ ޓީމުން އުފެއްދި ވެކްސިނާމެދު އެމީހުންގެ ޔަޤީންކަންވެސް ވަރަށް ބޮޑެވެ. އެއީ ވެކްސިން އުފައްދަން ބޭނުންކުރި ޓެކްނޮލޮޖީން މީގެކުރިން އުފެއްދި ވެކްސިންތައް ކާމިޔާބުވެފައި ހުރުމެވެ. އޭގެތެރޭގައި މާސްއާއި އެބޯލާއާ ދެކޮޅަށް އުފެއްދި ވެކްސިންތައް ހިމެނެއެވެ.

އޮކްސްފޯޑުން އުފެއްދި ވެކްސިނަށް ބަލާލާއިރު، މިވެކްސިން އުފައްދާފައިވަނީ އާދައިގެ ރޯގާ ޖައްސާ އެޑްނޮވައިރަސް ނަމަކަށް ކިޔާ ވައިރަސްއެއް ބޭނުންކޮށްގެނެވެ. ސައިންޓިސްޓުން ވަނީ އިންސާނުންނަށް ގެއްލުމެއް ނުލިބޭ ގޮތަށް މި ވައިރަސްއަށް ބަދަލުތަކެއް ގެނެސްފައެވެ. މިވައިރަސްގެ ބޭރު ފަށަލަ އުފައްދާފައިވަނީ ނޮވެލްކޮރޯނާގެ ބޭރު ފަށަލައިގައި ހުންނަ ސްޕައިކް ޕްރޮޓީންގެ ޖީންތައް ބޭނުންކޮށްގެނެވެ. މިވެކްސިން އިންސާނާގެ ހަށިގަނޑަށް ފޮނުވާލުމުން، ކޮރޯނާވައިރަސްގެ ސްޕައިކް ޕްރޮޓީންތައް ސެލްތަކުގައި ގިނަވާން ފަށައެވެ. އެއާއެކު އިންފެކްޓްވެފައިވާ ސެލްތައް މަރާލަން ބޭނުންވާ އެންޓިބޮޑީޒްއާއި ޓީ-ކިލާރ ސެލްތައް އިންސާނާގެ ދިފާޢީ ނިޒާމުން އަމިއްލައަށް އުފައްދަން ފަށާނެއެވެ.

މިކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ކޮރޯނާވައިރަސް ވަންނަ ހިސާބުން، ވައިރަސްއާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އަމިއްލައަށް މަސައްކަތްކުރަން އޮންނާނީ ތައްޔާރުވެފައެވެ.

އޮކްސްފޯޑުން އުފެއްދި ވެކްސިނާމެދު އޮކްސްފޯޑުގެ ޓީމުގެ އިތުބާރު ބޮޑެވެ. އެޓީމުން މިވެކްސިނަށް 80 އިންސައްތަ ޔަޤީންކަންދެއެވެ. އަދި މިވެކްސިނުން އިތުރު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތެއްވެސް ނެތްކަމަށް އޮކްސްފޯޑުގެ ޓީމުން ބުނެއެވެ. ނަމަވެސް ވެކްސިނާމެދު ރަސްމީކޮށް ގޮތެއް ނިންމާނީ ޓެސްޓުތަކަށްފަހުއެވެ.

އެގޮތުން އޮކްސްފޯޑުން އުފެއްދި ވެކްސިންވަނީ މިމަހުގެ 23 ވަނަ ދުވަހު އިންސާނުންނަށް ޓެސްޓްކުރަން ފަށާފައެވެ. 500 އެއްހާ މީހުން މި ޓްރަޔަލްތަކުގައި ބައިވެރިވާއިރު، މިހާތަނަށް ވެކްސިން ދީފައިވަނީ 2 މީހަކަށެވެ. މިހެން ގޮސް 500 އެއްހާ މީހުންނަށް ވެކްސިން ޓެސްޓްކުރާނެއެވެ. އަދި އެއަށްފަހު ލިބޭ ނަތީޖާތަކަށް ބެލުމަށް 5000 އެއްހާ މީހުންނަށް މިވެކްސިން ޓެސްޓްކުރާނެއެވެ.
މިކަމުގައި އޮތް އެއް ގޮންޖެހުމަކީ އާއްމުންގެ މެދުގައި ޓެސްޓްތައް ކުރިއަށްދިޔަސް، ލޮކްޑައުންގެ ސަބަބުން ވައިރަސް ފެތުރުން ކޮންޓްރޯލްވެފައި އޮތުމުން ވެކްސިންގެ ނަތީޖާ ނުފެނިދާނެތީއެވެ. އެހެންކަމުން އޮކްސްފޯޑުން ވިސްނަމުންދަނީ ކުރީ ސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން މިޓްރަޔަލްގައި ބައިވެރިކުރާށެވެ.

ވެކްސިން ކާމިޔާބުވެއްޖެނަމަ އަނެއް ގޮންޖެހުމަކީ ދުނިޔެއަށް ބޭނުންވާވަރަށް އުފެއްދުމަށް އޮތް ގޮންޖެހުމެވެ. ވެކްސިންގެ އެތައް ބިލިއަން ޑޯޒެއް އުފައްދަންޖެހޭއިރު، އިނގިރޭސިވިލާތުގައި އެ ހުރިހާ ވެކްސިނެއް އުފެއްދުމުގެ ޤާބިލްކަމެއް ނެތެވެ. އިނގިރޭސިވިލާތުގެ 3 ކުންފުންޏަކާއި ބޭރުގެ 4 ކުންފުންޏަކާއެކު ކުރާ މަސައްކަތުންވެސް ސެޕްޓެމްބަރުމަހަށް އުފެއްދޭނީ 1 މިލިއަން ވެކްސިން ޑޯޒްއެވެ. އެހެންކަމުން އެކަމަށް ޙައްލެއް ގެނައުމަށް އިނގިރޭސި ސަރުކާރުން ދަނީ ވެކްސިން އުފައްދާނެ އިތުރު ޕްލާންޓެއްގެ މަސައްކަތްކުރަމުންނެވެ.

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19އާ ދެކޮޅަށް ވެކްސިނެއް ހޯދުމަށްކުރާ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާއިރު، އެކަމުގައި ސަރުކާރުތަކާއި ވިޔަފާރިވެރިންގެވެސް ޚިއްސާ ބޮޑެވެ. ވެކްސިނެއް ހޯދަން ބޭސް އުފައްދާ ކުންފުނިތަކާއި ޔުނިވަރސިޓީތަކުން ކުރާ މަސައްކަތް ކާމިޔާބުވިޔަސް ނުވިޔަސް އެކަންކަމަށް ޚަރަދުކުރަން ސަރުކާރުތަކާއި ބޮޑެތި މަހުޖަނުން ދަނީ އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރަމުންނެވެ. އެއީ ދުނިޔޭގެ ހަމައަކަށް އެޅި، އާއްމު ދިރިއުޅުމަށް ވާސިލުވެވެން އޮތީ ކޯވިޑް19 އަށް ވެކްސިނެއް ލިބިގެންކަމަށްވާތީއެވެ.