ޚަބަރު

ކޯވިޑް-19 : ބަލީގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް "ވައިބަރ ބޮޓެއް"


ކޯވިޑް-19 އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް "ވައިބަރ ބޮޓެއް" ރާއްޖޭގައި ތަޢާރަފްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ މި ޚިދުމަތް ދޭން ފެށިކަން ހާމަކޮށް މާސް މެސެޖްގެ ޒަރިއްޔާއިން މި މަޢުލޫމާތު އާންމުންނާއި ހަމައަށް ހިއްސާކޮށްފައެވެ.

"ކޯވިޑް-19 ރެސްޕޮންސް"ގެ ނަން ދީފައިވާ މި ވައިބަރ ބޮޓްގެ ޒަރިއްޔާއިން ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތާއި، ރާއްޖޭގެ ޙާލަތު ބަލާލެވޭނެއެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުންގެ އަދާދާއި، ޙާލަތު، އަދި ކަރަންޓީން، އައިސޮލޭޝަން ފެސިލިޓީތަކުގެ ތަފްސީލް ބަލާލެވޭނެއެވެ. މީގެ އިތުރުން މި އޮންލައިން ވައިބަރ ބޮޓް ބޭނުންކޮށްގެން ގޭބިސީތައް ރަޖިސްޓްރީކުރުމާއި، ގޭގައި ތިބެގެން ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމުގެ ތަފްސީލު ހިއްސާކުރެއެވެ. މީގެ އިތުރުން އަމިއްލައަށް ޖަވާބު ދެވޭނެ އިންތިޒާމެއްގެ ދަށުން އާންމުންގެ މެދުގައި ކޯވިޑްގެ ހޭލުންތެރިކަން އިތުރުކުރުމަށް ސުވާލުކުރެވޭނެ އިންތިޒާމްވެސް މިވައިބަރ ބޮޓުގައި ޤާއިމުކޮށްފައިވެއެވެ. މިހާތަނަށް އައިރު މިވައިބަރ ބޮޓަށް 21 ހާހަށްވުރެ ގިނަ ފަރާތުން ވަނީ ސަބްސްކްރައިބްކޮށްފައެވެ.

ކޯވިޑް-19 އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް "ވައިބަރ ބޮޓެއް" ތަޢާރަފްކޮށްފައިމިވަނީ، މީގެ ކުރިން މި ޚިދުމަތައް އޮތް ޑިމާންޑް ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އާންމުންނަށް ބޭނުންވާ ސުވާލުކުރުމަށް އެޗްޕީއޭގެ ހޮޓްލައިން 1676 އަކަށް ގުޅައިގެން މަޢުލޫމާތު ހޯދުމުގައި ދަތިތަކާވަނީ ކުރިމަތިވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެތައް ހާސް ކޯލްތަކަކަށް ޖަވާބު ދެމުން ދިޔަނަމަވެސް، ކާރިސާގެ މި ވަގުތުގައިވެސް އާންމުންގެ ސުވާލުތަކަށް ޖަވާބު ނުލިބޭކަން ދަނީ ފާހަގަކުރަމުންނެވެ. އާންމުންނަށް ރާއްޖޭގެ ޙާލަތު ފަސޭހައިން ބަލާލެވޭނެ ގޮތް ހެދުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ ޙާލަތު ދައްކައިދޭ ޑޭޝް ބޯޑެއްވެސް ކޯވިޑް-19ގެ ވެބްސައިޓްގައި ހިމަނާފައެވެ،