ތަޢުލީމު

މައުމޫން ފައުންޑޭޝަންގެ ސްކޮލަރޝިޕް 6 ކުއްޖަކަށް


މައުމޫން ފައުންޑޭޝަންގެ ސްކޮލަރޝިޕަށް ހޮވުނު ކުދިންނަށް އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ. ޒުވާނުނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މިއަހަރު 6 ކުއްޖަކަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން ވަނީ ސްކޮލަރޝިޕް ހަވާލުކޮށްފައެވެ. އިންޑިއާގެ ބެންގަލޫރުގައި ހުންނަ ގާރޑްން ސިޓީ ކޮލެޖުން މަތީ ތައުލީމް ޙާޞިލްކުރުމަށްޓަކައި 4 ދާއިރާއަކުން 6 ކުދިންނަށް ސްކޮލަރޝިޕްއާއި ބެހޭލިއުން ޙަވާލުކޮށްދެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. މިލިޔުން އެކުދިންނާއި ޙަވާލުކޮށް ދެއްވުމަށްފަހު، މައުމޫން ވަނީ އެކުންދިންނާއި، އެކުދިންގެ ބެލެނިވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، އެކުދިންނަށް މަތީ ތައުލީމްގެ ފުރުޞަތު ލިބުނުކަމަށްޓަކައި އެކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކުދިންނަށް މިލިބުނު ފުރުޞަތުތައް ވީހާވެސް ރަގަޅުގޮތުގައި ބޭނުންހިފުމަށާއި، އަދި އެކުދިން މިކޯސް ފުރިހަމަކޮށް އެކުއްޖަކު ކިޔެވި ދާއިރާއަކުން ޤައުމަށް ޚިދުމަތްކޮށްދިނުމަށް ވެސް ޗެއަރމަން އެދިވަޑައިގެންނެވިއެވެ. މި 6 ކުދިން ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ބީ.އެސް.ސީ- ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސްއާއި، ބީ.އޭ- ޖަރނަލިޒަމް، ސައިކޮލޮޖީ، އިގްލިޝްއާއި ބީ.އޭ- ޓޫރިޒަމް، ހިސްޓްރީ، ޖަރނަލިޒަމް އަދި ބީ.ކޮމް- ބެޗެލަރ އޮފް ކޮމާރސްގެ ދާއިރާއިނެވެ. މިކޯސްތަކުގެ މުއްދަތަކީ ތިން އަހަރު ދުވަސްކަމަށް މައުމޫން ފައުންޑޭޝަނުން މައުލޫމާތުދެއެވެ.