ވިޔަފާރި

ކާށިދޫގައި ކޮޕީ ފަތް ތިޔާގިވެ، ފަތެއްގެ އަގު ރުފިޔާއަކަށް


ކާށިދޫގައި ކޮޕީ ފަތް ތިޔާގިވެ، އެރަށުގައި ކޮޕީފަތް ވިއްކާ އަގު 1 ރުފިޔާއަށް ތިރިވެފައިވާ ކަމަށް އެރަށުގެ ދަނޑުވެރިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ކާށިދޫގެ ދަނޑުވެރިން ބުނީ، މި ދުވަސްކޮޅު ދަތުރުފަތުރު މަޑު ޖެހިފައިވުމުން ރަށުގައި ކޮޕީ ފަތް ތިޔާގިވެފައިވާ ކަމަށް. އަދި މާލެއަށް ކޮޕީ ފަތް ނުގެންދެވި ހުރުމުން ގެއްލުންވަމުންދާ ކަމަށްވެސް ދަނޑުވެރިން ބުނޭ. މާލޭގެ ގިނަ ފިހާރަތަކުންވެސް ވަނީ ކޮޕީ ފަތް ހުސްވެފައެވެ. މާލޭގައި ކޮޕީ ފަތް ވިއްކަމުން ދަނީ ތިން ފަތުގެ ބޮޑިއެއް 10 ރުފިޔާއަށެވެ.

ކޮޕީފަތަކީ ރަމަޟާންމަހު ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު އެއްޗެކެވެ. ޚާއްޞަކޮށް ރޯދަ ވީއްލުމަށް ތައްޔާރުކުރާ ބައެއް ބާވަތްތައް ހެދުމުގައިވެސް ކޮޕީފަތުގެ ދައުރު ވަރަށްބޮޑެވެ. އެހެންކަމުން އާންމުކޮށް ކޮންމެ ރަމަޟާން މަހަކުވެސް ކޮޕީފަތުގެ އަގު މައްޗަށް ދާކަން ފާހަގަކޮށްލެވޭ. ރަމަޟާން މަސް ނޫން މަސްމަހު ދަތުރުވެރިންގެ މާރުކޭޓުގައި 10 ރުފިޔާއަށް ފަސް ފަތް އަދި ބައެއް ފަހަރު އެއަށްވުރެވެސް އަގު ހެޔޮކޮށް ލިބެން ހުރި ނަމަވެސް ރަމަޟާންމަހު ތިން ފަތްހިމެނޭ ކޮޕީފަތް ބޮނޑިއެއް ބައެއް ފަހަރު 25 ރުފިޔާއަށްވެސް ވިއްކައެވެ.

އެހެން ނަމަވެސް މިއަހަރުގެ ރަމަޟާން މަސް މިއައީ ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފަށާފައި ވަނިކޮށް. އަދި މާލެ ފުރަބަންދުކޮށްފައިވާތީ ލޯކަލް މާރުކޭޓް ބަންދުކޮށް، އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ހުއްޓާލާފައިވުމުން ރަށްރަށުން އާންމުކޮށް ގެންނަ ތަރުކާރީއާއި މޭވާ މާލެ ގެނައުން މިވަނީ ހުއްޓިފައެވެ.

ސަރުކާރުން ދަނީ ދަނޑުވެރިންނަށް މިކަމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެގްރޯ ނެޓް މެދުވެރިކޮށް ދަނޑުވެރިންގެ އުފެއްދުންތައް ގަނެވޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށާފައެވެ.

އެގްރޯ ނެޓަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.