ޚަބަރު

ކޯވިޑް-19ގެ ހާސްކަން ދަސްކޮށްދިނީ ދިރިއުޅުމުގެ މުހިންމު ފިލާވަޅުތަކެއް


ކޮންމެ އަހަރެއްގެ 11މަހުގެ އިންތިޒާރަކީ އަނބިދަރިން ދެކިލުމަށް 30ދުވަހަށް ރަށަށް ދިއުމަށް ކުރާ އުންމީދެވެ. ހޭބޯނާރާ އެތަށް ދަލެއް އޮހޮރުވަނީ އާއިލާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ ދަރިންގެ މުސްތަޤުބަލަށެވެ. ދުވަސްތައް ހޭދަވަނީ ދަރިން އެންމެ ބޭނުންވާ ވަގުތުގައި މަންމަ ނޫނީ ބައްޕަ އެކުދިންނާއި އެކު ވަގުތު ހޭދަ ނުކުރެވިއެވެ. ކޮންމެ މީހެގެއްވެސް އުންމީދަކީ އެމީހަކު އަނބިދަރިން ކައިރީ ހަމަޖެހިލައިގެން ދިރިއުޅުމެވެ.

ކޯވިޑް 19ވީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ބޮޑު ބަލިމަޑުކަމަކަށެވެ. އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް މުޖުތަމަޢުގައި ބަލި ފެތުރެން ފެށުމާއިއެކު ހާސްކަން ބޮޑުވެގެން ދިޔައެވެ. އެތަށް ބަޔަކު ތިބީ، ވަޒީފާއަށް ނުގޮސް ގޭގައެވެ. ދަރިން ތިބީ ސްކޫލަށް ތަޢުލީމު ޙާސިލް ކުރަން ނުދެވި ގޭގައެވެ. މިފަދަ ދަނޑިވަޅެއްގައި މާލީ ބޮޑެތި ދަތިތަކެއްހުރިހާ އާއިލާތަކަށްވެސްވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިވަގުތު މިނޫން ގޮތެއް ނެތެވެ. އިތުރު އާމްދަނީއެއް ހޯދުމަށް ބޭރަށް ނުގޮސްތިބީ އާއިލާގެ ރައްކަލަށެވެ. މިއީ ހުރިހާ އެންމެނަށްވެސް އުނދަގޫ ވަގުތެކެވެ.

ނަމަވެސް އުފާކުރަންވީ މިފަދަ ވަގުތެއްގައި ތިމާގެ އާއިލާއާއި ދަރިންގެ ކައިރީގައި ހުރެވޭ ކަމެވެ. ކޮންމެ މީހެއްގެ އުންމީދަކީވެސް ދަރިންނާއިއެކު އުފާވެރި ވަގުތެއް ހޭދަކުރުމެވެ. މިއީ ކުދިންގެ ކިޔެވުމާއި، ދަރިންނަށް އައު ކަންކަން ދަސްކޮށްދިނުމަށް ލިބުނު ވަގުތެއްކަމުގައި ދެކޭށެވެ. މިއީ ވީހާވެސް ގިނަ ވަގުތު ދަރިންނާއި އެކީ ހޭދަކޮށް، ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރަން ލިބުނު ވަގުތެވެ.

ދަރިންނަށް ދީނީ ކަންކަން އުނގަނައިދިނުމާއި، ކުދިންގެ އަޚުލާޤު ބައްޓަންކުރުމުގައި މި މަހެއްހާ ދުވަހު ދަސްވާ ކަންކަންވެސް ބޮޑު ދަޢުރެއް އަދާކުރާނެއެވެ.

މިއީ ދަރިންނާއި އާއިލާގެ ޚިދުމަތުގައި 24 ގަޑިއިރު ހޭދަކުރުމަށް ލިބުނު ފުރުސަތަކަށް ވަނީ ވެފައެވެ.
ބުރަ ދިރިއުޅުމުން އަރާމުކޮށްލަށް ލިބުނު ފުރުސަތެއްގެ ގޮތުގައިދެކޭށެވެ. މަސައްކަތުގައި ހެނދުނު ދާގޮތަށް އިރުއޮއްސެންދެން އުޅުނު ވަގުތަށް މިވަނީ، ނިދުމާއި އަރާމުކުރުމާއި އާއިލީ ވަގުތުތަކަށް ބަދަލުވެފައެވެ.

އަބަދު ބޭރުން ކައިގެން އުޅުނު އެތައް ބަޔަކު މިހާރު ކަނީ ގޭގައި އެމީހުންގެ އާއިލާއާއި އެއް ސުފުރާމަތީގައެވެ. ސިއްޙީގޮތުންނާއި، ނަފްސާނީގޮތުންވެސް މީހާ ދުޅަހެޔޮ މީހަކަށް ވުމަށް މި ކަންކަން ބޮޑު ދަޢުރެއް އަދާކުރެއެވެ.

ޚަރަދު ކުޑަކުރުމާއި، އިސްރާފް ކުޑަކުރުން އަދި ލިބޭމިންވަރަށް ޝުކުރުމުގެ ރިވެތި އަޙްލާޤު މިދިރިއުޅުމުން ދަސްވެއްޖެއެވެ.

ސާފުތާހިރުކަމަށްދޭ ސަމާލްކަންވަނީ އެތަށް ގުނައަކުން އިތުރުވެފައެވެ. ތިމާ މީހާ ސާފު ތާހިރުވުމަށްދޭ އިސްކަން، ގޭތެރެ ދުޅަހެޔޮ މާޙައުލެއްގެ ގޮތުގައި ބޭއްވުމަށްދަނީ ދެމުންނެވެ.

އާއިލާގެ ތެރޭގައި އެކަންޏެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުއަށްވެސް ބޮޑެތި ފިލާވަޅުތަކެއް ދަސްކޮށްދިން ބަލިމަޑުކަމެކެވެ.

މޮޅެތި ފިލްމީތަރިންނާއި، މަޝްހޫރު ކުޅިވަރު ކުޅުންތެރިންގެމަތިން ހަނދާންނެތި ނަރުހުންނާއި ޑޮކްޓަރުންނާއި، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ މީހުންގެ އަގު ވަޒަންކުރެވެން ފަށައިފިއެވެ. ކުރިން ތިބި ބައެއްކަން ނޭންގޭ އެތަށް ބަޔަކީ މިހާރު އަހަރަމެން އެންމެލޯބިވާ އަހަރަމެންގެ "ހީރޯ"އިންނެވެ.

މިއިން ކޮންމެ ކަމެއް އަހަރަމެންނަށް މި ދަސްކޮށްދިނީ ފިލާވަޅުތަކެކެވެ. އާއިލީ ލޯތްބައި، މުޖުތަމަޢުގެ އެއްބައިވަންތަ ގުޅުމާއި، އެހީތެރިންގެ އަގުވަޒަންކުރުމާއި، މިއިން ކޮންމެ ކަމަކީ ތާ އަބަދަށް ހަންދާން އާވެއާވެ ހުންނާނެ ދެމިގެންދާނެ ކަންކަމެވެ.