ހުޅުލެއާއި މާލެއާއި ދެމެދު ކުރާ ބަސްދަތުރުތައް ރަމަޟާންމަހާއި ދިމާކޮށް އިތުރުކޮށް ގަޑިތަކަށް ބައެއް ބަދަލު ގެނެސްފިއެވެ.
ކޯވިޑް 19ގެ ސަބަބުން މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން އާއްމު ދަތުރުފަތުރުގެ ނިޒާމުވަނީ އެއްކޮށް ހުއްޓާލާފައެވެ. ނަމަވެސް ވަޒީފާއާއި، ޚާއްސަ ހުއްދަ އޮންނަ މީހުންނަށް ދަތުރުކުރެވޭނެހެންދަނީ މި ޚިދުމަތް ބާއްވަމުންނެވެ.
ލޮކްޑައުންއާއި ގުޅިގެން ޚިދުމަތަށް ގެނައި ބަދަލުގައި މީގެކުރިން ބާއްވަމުން އައީ ހުޅުމާލެއިން އަދި މާލެއިންވެސް 4 ދަތުރެވެ. ނަމަވެސް ރަމަޟާންމަހާ ދިމާކޮށް މިހާރު ކޮޅަކަށް 7 ދަތުރު ބާއްވާނެކަމަށް އެ ޚިދުމަތްދޭ ގްރޭޓަރ މާލޭ ޓްރާންސްޕޯޓް ލިންކުންވަނީ ބުނެފައެވެ.
އެގޮތުން ގެނައި ބަދަލުތަކާއި އެކު މިހާރު ބަސް ހުޅުމާލެއިން ނައްޓާލާ ގަޑިތަކަކީ؛
ހެނދުނު 07:30
ހެނދުނު 09:00
މެންދުރު 13:45
ހަވީރު 16:00
ހަވީރު 17:30
ރޭގަނޑު 20:00
ރޭގަނޑު 22:00
ބަސް މާލެއިން ނައްޓާލާ ގަޑިތަކަކީ؛
ހެނދުނު 08:00
ހެނދުނު 11:00
މެންދުރުފަހު 15:00
ހަވީރު 17:00
ރޭގަނޑު 19:00
ރޭގަނޑު 21:00
ރޭގަނޑު 00:30
ބަހުގެ ޚިދުމަތަށް މި ބަދަލުތައް ގެނެސްފައިވަނީ ވަޒީފާގެ ބޭނުންތަކަށް ދަތުރުކުރާ މީހުންގެ ޑިއުޓީތަކަށްވެސް އަންނަ ބަދަލުތަކާއި، އެކި ބޭނުންތަކުގައި މާލެ އަންނަ މީހުންނަށް ލުއިފަސޭހަކޮށްދިނުމަށެވެ. މި ޚިދުމަތް މިހާރު ހޯދޭނީ މަގުމައްޗަށް ނިކުމެ އުޅުމުގެ ހުއްދަ އޮންނަ މީހުންނަށެވެ.
އާއްމު ދަތުރުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލާފައިވަނީ މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މި މަހުގެ 15ވަނަ ދުވަހުއެވެ.