ތައިލޭންޑްގެ ބެންގކޮކުން ރާއްޖެއަށް 9 ޓަނުގެ ކާގޯ ގެނެސްފިއެވެ. މި މުދާ ރާއްޖެގެނެސްފައިވަނީ މިރޭ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މިމަހުގެ 21އާއި ހަމައަށް މޯލްޑިވިއަނުންވަނީ 4 ޤައުމަކުން 100އަށްވުރެ ގިނަ ޓަނުގެ ކާގޯ ރާއްޖެ ގެނެސްފައެވެ.
ކޯވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް ހުއްޓާލާފައިވާތީ މޯލްޑިވިއަނުންދަނީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އަދި އެހެނިހެން ޒަރޫރީ ތަކެތި ގެނައުމަށް އެހީތެރިވެދެމުންނެވެ.
މި 4 ޤައުމުން ކާގޯ ގެނައުމަށް މިހާތަނަށް 18 ދަތުރުވަނީ ކޮށްފައެވެ. އިންޑިއާގެ ޓްރިވެންޑްރަމްއާއި ޗެންނާއީއާއި ބެންކޮކް އަދި ކޮލަމްބޯއާއި ދުބާއީންދަނީ ތަކެތި ގެންނަމުންނެވެ.
މޯލްޑިވިއަނުން ކާގޯ ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ.
އެ ކުންފުނިންދަނީ ޤައުމުތަކުގައި ތިބި ދިވެހިންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައްވެސް ޤައުމުތަކަށް ގެންގޮސްދެމުންނެވެ. ނަމަވެސް ރާއްޖެ ލޮކްޑައުންއަކަށް ގޮސްފައިވާތީ މި މަސައްކަތްވަނީ މިވަގުތަށް ހުއްޓާލާފައެވެ.