ޚަބަރު

ކޯވިޑް-19 : ހުޅުމާލެ ފުޓްބޯލް ސްކޫލްގެ 24 ކޮޓަރި ވަގުތީ ބޯހިޔާވަހިކަމުގެ ގޮތުގައި ބޭނުންކުރަން ފަށަނީ


ހުޅުމާލެ ފުޓްބޯލް ސްކޫލްގެ 24ކޮޓަރި ވަގުތީ ބޯހިޔާވަހިކަމަށް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވަމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭ ފުޓްބޯލް ސްކޫލްގެ 24 ކޮޓަރީގެ މަސައްކަތް މިރޭ އެއްކޮށް ނިންމައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެގޮތުން އެގިގޮތްގޮތުން ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވާ މީހުން މިހާރު އެތަނަށް ބަދަލުކޮށްފައިވާކަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެތަނުގެ ކޮންމެ ކޮޓަރިއެއްގައިވަނީ ބަންކުބެޑު ބަހައްޓައި 4 މީހުންނަށް ނިދޭގޮތަށް ހަމަޖައްސާފައެވެ. މިނިސްޓަރ މަޙްލޫފް ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއާއި އަދި ނައިބުރައީށް ފައިސަލް ނަސީމްގެ އިތުރުން މިިނިސްޓްރީގެ ޓީމުން ޚާއްސަ އިސްކަމެއްދީގެން ކުރެއްވި މަސައްކަތެއްކަމަށެވެ.

ޖެންޑަރ މިނިސްޓްރީއާއި ކަމާއި ގުޅުންހުރި މުޢައްސަސާތައް ގުޅިގެންދަނީ މަލޭގައި މަގުމަތިވެފައި ތިބި މީހުންނާއި، އަދި ގެއިން ނެރެލާފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދެމުންނެވެ. އެގޮތުން މިހާތަނަށް 124ހަށްވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ އެހީތެރިވެދީފައެވެ.

އަދި އެކި ބޭނުންތަކުގައި މާލެ އައިސް ފުރަބަންދާއި ގުޅިގެން އަނބުރާ ރަށަށް ނުދެވި ހާލުގައި ޖެހިފައިވާ މީހުންނަށްވެސް ދަނީ އެހީވަމުންނެވެ. މާލޭ ސިޓީ ކައުންސިލަށް މިފަދަ 400އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް މީގެކުރިން ޖެންޑަރ މިނިސްޓްރީއިން ވަނީ ވިދާޅުވެފައިވެއެވެ. އަދި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ޖެންޑަރ މިނިސްޓްރީގެ ހޮޓްލައިން 1412އަށް ގުޅުމަށްވެސް އެ މިނިސްޓްރީއިންވަނީ އިލްތިމާސްކުރައްވާފައެވެ.