ވިޔަފާރި

ކޯވިޑް-19 : މާލެއިން ރަށްރަށަށް މުދާ ގެންދާ ފަރާތްތަކަށް ހުއްދަ ދޭނެ ނިޒާމެއް ޤާއިމްކޮށްފި


އަތޮޅުތަކުން މާލެއަށް މުދާ ގެނައުމާއި މާލެއިން އަތޮޅުތަކަށް މުދާ ގެންދިޔުމުގައި ހުއްދަ ދޭނެ ނިޒާމެއް ޤާއިމްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ހުއްދަތައް ހޯދުމަށް ފަސޭހަކޮށްދިނުމުގެގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ ނޯތު ހާބަރުގައި ޑެސްކެއްވެސް ޤާއިމްކޮށްފައެވެ.

ނޭޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ކަމާއި ގުޅުންހުރި އެޖެންސީތަކާއި ގުޅިގެން ހުއްދަ ދޭނެ ނިޒާމެއް ޤާއިމްކޮށްފައިވާ ކަމަށެވެ.

"ކައުންސިލްތަކުން ކޮންޓެކްޓް ކުރާނެ ފޯކަލް ޕޮއިންޓެއްވަނީ ޤާއިމްކުރެވިފައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި އިކޮނޮމިކް މިނިސްޓްރީ އަދި އެމްޕީއެލުން އެދޭން ޖެހޭ އެކި ކަހަލަ ކުލިއަރެންސް ދީގެން މާލެއަށް ލަފާ ދޯނިތަކުން އެމުދާ ބާލާ އެމުދާ ފޯރުކޮށްދޭންޖެހޭ ތަންތަނަށް ފޯރުކޮށްދިނުމަށް ލޮޖިސްޓިކަލް އެރޭޖްމަންޓެއްވެސް ހަމަޖެހިފައި މިވަނީ،" ވިސާމް ވިދާޅުވިއެވެ.

މި ޚިދުމަތްތަކާ ގުޅޭގޮތުން ގުޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކޯލް ސެންޓަރެއްވެސް ޤާއިމްކޮށްފައެވެ. ކޯލް ސެންޓަރގެ ނަމްބަރަކީ 3039604 އެވެ.

މާލެ ސަރަހައްދު ފުރަބަންދުކޮށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްކައިވާ މި ދަނޑިވަޅުގައި ރަށްރަށަށް ބޭނުންވާ ޒަރޫރީ ތަކެތި ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.