ޚަބަރު

ކޯވިޑް-19 ޖެހިފައިވާ މީހުން ރޯދަޔަށް ހުރުން ރައްކާތެރިތަ؟


ކޯވިޑް-19އަކީ މުޅިން އަލަށް ދުނިޔެއިން ފެނިފައިވާ ބައްޔެކެވެ. މިބައްޔަށް މިހާތަނަށް ސީދާ ފަރުވާއެއް ހޯދިފައި ނުވެއެވެ. ސައިންސްވެރިން އަދިވެސްދަނީ މިބަލީގެ ޙަގީގަތް ދެނެގަތުމަށް ހުއްޓުމެއް ނެތި އެކިއެކި ދިރާސާތައް ކުރަމުންނެވެ.

ކުރިމަތިވެފައި މިއޮތީ ރަމަޟާން މަހެވެ. ރާއްޖޭގައި ގާތްގަނޑަކަށް 13 ގަޑިއިރު ރޯދައަށް ހުންނަން ޖެހެއެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގައި މިހާރުވެސް ރާއްޖޭގައި 80އަށްވުރެ ގިނަ މީހުންނަށްދަނީ ފަރުވާ ދެމުންނެވެ.

މިފަދަ ބަލިމީހުން ރޯދައަށް ހުރުން ރައްކާތެރިތަ؟

އޮކްސްފޯޑް ޔުނިވަރސިޓީފަދަ ބައެއް ބޮޑެތި ޔުނިވަރސިޓީތަކުންދަނީ މިކަމާގުޅޭ ދިރާސާތައް ހަދަމުންނެވެ. ޖެހިޖެހިގެން 30 ދުވަހު ރޯދައަށް ހުރުމުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑަށް ކުރާ އަސަރާގުޅޭ ސީދާ ދިރާސާތައް ހެދިފައި ނެތްނަމަވެސް، މިހާރުވެސް ކޮންމެވެސްވަރެއްގެ ދިރާސާތަކެއްވަނީ ހެދިފައެވެ.

ކޯވިޑް-19ޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް %75 މީހުންނަކީ ބަލީގެ އެންމެ އާދައިގެ ޢަލާމާތްތައް ފެންނަ މީހުންނެވެ. ހުން އައުމާއި، ކެއްސުންފަދަ ޢަލާމާތްތަކަކީ ޢާއްމު ރޯގާތަކުގެ އަލާމާތްތަކެވެ. ބައެއް މީހުންނަކީ އަލާމާތްތައް އެއްވެސް ވަރަކަށް ނުފެންނަ މީހުންނެވެ.

ކޯވިޑް-19 ޖެހިފައިވާމީހުން ރޯދައަށް ހުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ކޯވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ޢުމުރުން ދުވަސްވީ މީހާ ފިޔަވައި އެހެން އެންމެންގެ ޙާލުވެސް ރަނގަޅުކަމަށެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުން ރޯދައަށް ހުރުމާ ގުޅޭގޮތުން ޑރ.މޫސާ މުރާދު ވިދާޅުވީ ބަލީގެ އަސަރު ޢާއްމު ރޯގާއެއްވަރަށް ކޮށްފައިވާ މީހުން ރޯދައަށް ހުރުމަކުން އެއްވެސް މައްސަލައެއް ދިމާވެދާނެކަމަކަށް މިހާތަނަށް އިންގިފައި ނެތްކަމަށެވެ. އެހެންކަހަލަ ބަލިތަކުގައިވެސް ހުމާއި ރޯގާ ހުންނަ މީހުންނަށް ބޮޑުވަރު ނުވާނަމަ، ރޯދައަށް ހުރުމުގެ ސަބަބުން އިތުރު ގެއްލުމެއް ކުރިމަތި ނުވާނެމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"މިކަމުގައި ސައިންޓިފިކަލީ މާބޮޑެތި ހޯދުންތަކެއް ނެތް. އެހެންވީމާ ޔަގީނާއި ގާތަށް ނުބުނެވޭނެ. އެކަމަކު ކުދިކުދި އަލާމާތްތައް ހުރެ އުނދަގު ނުވާނަމަ ރޯދައަށް ހުރުމުން މައްސަލައެއް ނެތް. ކުޑަކޮށްވެސް އިތުރު އުންދަގުލެއް ވަންޏާ ނުހުރުން ރަނގަޅީ". ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ނަމަވެސް ކޯވިޑް-19އަކީ މުޅިން އާ ބައްޔަކަށްވާތީ ރޯދައަށް ހުންނަ ފަރާތްތަކުން ރޯދައަށް ހުންނައިރު އެކަމަށް ވީހާވެސް ބޮޑަށް ސަމާލްކަން ދިނުމަށް ޑޮކްޓަރވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ރޯދައަށް ފެށުމުގެ ކުރިން އެކަމަށް ހަށިގަނޑު ތައްޔާރުކުރުން މުހިންމުކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

"މި ބަލީގައި އުނގޫ އިތުރުވާނެ ހަށިގަނޑުން ފެން މަދުވާނަމަ. އެހެންވީމައި ގައިން ފެން މަދުވިޔަނުދިނުމާއި، ވިޓަމިން، މިނަަރަލް ލިބޭ ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް ސަމާލްކަން ދޭންވީ. ރޯދައަށް ހުންނައިރު މި އާއްމުކޮށް ސުފުރާމަތިން ފެންނަ ކާނާ ބޭނުން ކުރުން އެންމެ ރައްކާތެރިއެއް ނޫން." ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ކޯވިޑް-19އަކީ އިތުރު ފަރުވާތަކެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. މިވަގުތު އެބައްޔަށް ދެމުންދަނީ ބަލީގައި ހަށިގަނޑަށް ދިމާވާ ކެއްސުމާއި ހުންފަދަ އުންދަގޫތަކަށްދޭ ބޭހެވެ. ޑރ.ވިދާޅުވީ ބޮޑު އަލާމާތެއް ނެތްނަމަ ޢާއްމު ރޯގާތައް ޖެހިފައި ހުންނައިރު ރޯދަމަހު ބޭސް ބޭނުންކުރާގޮތަށް ބޭސް ބޭނުންކުރެވިދާނެކަމަށެވެ.

"ކޯވިޑް-19ގައި މިދެނީ ހަށިގަނޑަށް ވާ އުންދަގޫތަކަށް ދޭ ބޭސް. ރޭގަނޑާއި ހާރުކާއިރު (ބޭސް)ކެއުމަކުން މައްސަލައެއް ނެތް." ޑރ.މުރާދު ވިދާޅުވިއެވެ.

މިބަލީގައި ހުމާއި ރޯގާ މާބޮޑަށް ގަދަވުމާއި، ކެއްސުމާއި، ހަށިގަނޑުން ވަރުދެރަވުމާއި، އާދަޔާއި ޚިލާފަަށް ބޮލުގައި ރިއްސުމާއި، ހަށިގަނޑުން ފެން މަދުވުމާއި، ނޭވާއަށް އުންދަގޫވާ މީހުން ރޯދައަށް ނުހުރުމަށް ޑޮކްޓަރުން އިލްތިމާސްކުރެއެވެ. އަދި ރޯދާއަށް ހުއްޓާވެސް މިފަދަ އަލާމާތްތަށް ފެންނަން ފަށައިފި ނަމަ އަވަހަށް ސިއްޙީ އެހީތެރިކަން ހޯދާށެވެ.

ކޯވިޑް-19ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހުން ތިބިނަމަ، އެމީހުން ރޯދަޔަށް ހުރުން ރަނގަޅީ ޑޮކްޓަރެއްގެ ލަފާ ހޯދައިގެންނެވެ.