ވިޔަފާރި

ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް މުދާ ވިއްކާނަމަ ރިޕޯޓް ކުރޭ


އަގު ކޮންޓްރޯލުކޮށްފައިވާ މުދަލުގެ ބާވަތްތައް ކަނޑައަޅާފައިވާ ރީޓެއިލް އަގަށްވުރެ ބޮޑުކޮށް ވިއްކާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު އިކޮނޮމިކް މިނިސްޓްރީންވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ބައެއް ވިޔަފާރިވެރިން ކޮންޓްރޯލުކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން، 4 ބާވަތެއް ވަކިވަކިން (ރީޓެއިލް) ވިއްކޭނެ އެންމެ މަތީ އަގު އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އާދައިގެ ރަތްފިޔާ ވިއްކޭނެ އެންމެ މަތީ އަގަކަށް ކަނޑައަޅާފައިވަނީ ކިލޯއެއް 20 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާއެވެ. އަދި 1 ކިލޯގެ ރީނދޫ މުގު ވިއްކޭގެ އެންމެ މަތީ އަގަކީ 45 ރުފިޔާއެވެ. އަދި ކުކުޅު ބިހެއްގެ އަގުވަނީ 1.80 ލާރިއަށް ކޮންޓްރޯލްކޮށްފައެވެ.

އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް އެމިނިސްޓްރީއަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެއެވެ.

އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޝަކުވާ ހުށަހަޅުއްވާނީ، އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ފުރަބަންދަކަށް ގޮސްފައިވާ އިރު، އޮންލައިންކޮށް އަދި ގުޅައިގެން ގެ ކައިރި ފިހާރަތަކުން ވިޔަފާރި ކުރުމަށް އާއްމުންނަށް މިވަނީ މަޖުބޫރުވެފައެވެ. އެހެން ނަމަވެސް މިހެން ވިޔަފާރި ކުރާއިރު، ކޮންޓްރޯލްއަގަށްވުރެ އަގު ބޮޑުކޮށް ތަކެތި ވިއްކާ ކަމުގެ ޝަކުވާ އާއްމުންދަނީ ޝޯސަލް މީޑިއާގައި ހިއްސާކުރަމުންނެވެ.