ސިޔާސީ

ސަރުކާރުގެ ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފި


މިލިޓަރީ މަޝްރޫޢުތައް ހިންގުމަށް ރާއްޖޭގައި ޖާގަނުދެއްވާނެކަން ނައިބު ރައީސް އަހުމަދު އަދީބު ހާމަކުރެއްވުމާއި ގުޅިގެން، އިދިކޮޅު އެމް.ޑީ.ޕީގެ ފަރާތުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.ރާއްޖޭގައި މިލިޓަރީ މަޝްރޫޢުތައް ފަށަން އުޅޭކަމަށް ބުނެ އިންޑިޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އިންޑިޔާގެ ނޫހެއްކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި ބަސްދީގަތުމެއްގައި ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނީ، އަވަށްޓެރި ޤައުމުތަކުން ކަންބޮޑުވާފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރައްވާނެކަމަށެވެ. އެގޮތުން ރައީސް ޔާމިންއަކީ، އެމެރިކާއިން ސޯފާ އެގްރިމެންޓްގެ ދަށުން އަސްކަރީ މަރުކަޒެއް ރާއްޖޭގައި އެޅުމަށް ހުށަހެޅުމުން، އެކަމާވެސް ދެކޮޅު ހެއްދެވި ބޭފުޅެއްކަމަށް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ޗައިނާގެ ފަރާތުން ރާއްޖޭގައި މިލިޓަރީ މަޝްރޫޢެއް ހިންގުމަށް ދުވަހަކުވެސް ހުށަހަޅާފައިނުވާ ކަމަށާއި، ބަދަލުގައި ޗައިނާއިން އަބަދުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެއަރޕޯޓް ތަރައްޤީކުރުން ފަދަ މަޝްރޫޢުތައް ހިންގުމަށްކަމަށްވެސް ނައިބު ރައީސް ދެއްވި ބަސްތީގަތުމުގައި ވިދާޅުވެފައިވެއެވެ.  އެމްޑީޕީން އެކަމަށް މަރުހަބާ ކިޔާ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭނީ އިގުތިސާދީ މަޝްރޫއުތައް ހިންގުމަށް ކަމަށާއި އަދި މިލިޓަރީ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ، އެކަމާއި އުފާކުރާކަމަށެވެ. އަދި މިލިޓަރީ އެފަދަ އެއްވެސް މަޝްރޫއެއް ހިންގުމަށް ބޭރުގެ ފަރާތަކަށްދީފިނަމަ އިންޑިއާގެ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެދާނެ ކަމަށް އެމް.ޑީ.ޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ހިންގޭ މަޝްރޫއުތައް ވީހާވެސް ދެ ފުށްފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށްވެސް އެމް.ޑީ.ޕީގެ ބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.