ވިޔަފާރި

ކޯވިޑް-19 : މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކުގައި މިހާތަނަށް 109 ޓަނުގެ މުދާ ގެނެސްފައިވޭ


ކޯވިޑް19 ގެ ކޭސްތައް މާލެއިން ފެނުމާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ މުދާ ގެނައުމަށް މޯލްޑިވިއަންއިން ކުރަމުންދާ ކާގޯ ފްލައިޓު ދަތުރުތަކުގައި މިހާތަނަށް 109 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

އެގޮތުން މިހާތަނަށް ގެނެސްފައިވާ މުދާތަކުގެތެރޭގައި ގިނައީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި ސިއްޙީ ބައެއް ސާމާނެވެ. މޯލްޑިއަންއިން ދަނީ ވިޔަފާރިވެރިންނަށް ރާއްޖެއަށް މުދާ ގެނައުމުގައި ފަސޭހަކޮށްދިނުމަށްޓަކައި 5 މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ.

އެ 5 މަންޒިލަކީ:
• ކޮލަމްބޯ
• ޓްރިވެންޑްރަމް
• ޗެންނާއީ
• ބެންކޮކް
• ދުބާއީ

މޯލްޑިވިއަންއިން ކާގޯ ދަތުރުތައް ފަށާފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހުއެވެ. މިހާތަނަށް މުދާ ހިފައިގެން މޯލްޑިއަނުންވަނީ 14 ދަތުރު ބާއްވާފައެވެ.

މޯލްޑިވިއަންގެ ކާގޯ ދަތުރުތަކުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ ގެނެސްފައިވަނީ ލަންކާއިންނެވެ. ލަންކާއިން މިހާތަނަށް 34 ޓަނުގެ މުދާ ވަނީ ގެނެސްފައެވެ. ދެން އެންމެ ގިނަ އަދަދަކަށް މުދާ ގެނެސްފައިވަނީ ބެންކޮކުންނެވެ. އެޤައުމުން ރާއްޖެއަށް 27 ޓަނުގެ މުދާ ވަނީ ގެނެސްފައެވެ.

މޯލްޑިވިއަންއިން މިއަދުވެސް ވަނީ ސްރީލަންކާއިން މުދާ ގެނެސްފައެވެ. ކުރިއަށްއޮތް ދުވަސްތަކުގައިވެސް މިހާރުވެސް ދަތުރުކުރަމުންދާ މަންޒިލްތަކުން މުދާ ގެނައުމަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަންއިން މި ބާއްވާ ޗާޓަރ ކާގޯ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މުދާ އުފުލުމަށް ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަންއިން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.