ކޯވިޑްް-19އާއެކު އެންމެ ބާރުބޮޑުވީ ފާމަސީތަކުގައި ވިއްކަންހުރި މާސްކާއި ސެނެޓައިޒަރއަށެވެ. ފިހާރަތަށްދޮށުގައި ދިގު ކިއުތަށް ހަދައި އެންމެފަހުން ފިހާރަޔާ ހަމައަށް ދެވޭއިރު ބައެއްފަހަރު ހުންނަނީ އެ ފިހާރައިންވެސް ތަކެތި ހުސްވެފައެވެ.
ޕާމަސީތައް އެކަންޏެއް ނޫނެނެވެ. އާއްމު ފިހާރަތަކުގައިހުރި މާސްކާއި ސެނެޓައިޒަރވެސް މާގިނައިރެއްނުވެ ހުސްވިއެވެ. ބައެއް ފިހާރަތަކުން ތިންހަތަރުގުނަ އަގުބޮޑުކުރިއަސް ދިވެހިން ދިޔައީ އަމިއްލަ ރައްކަލާއި އާޢިލާގެ ރައްކަލައްޓައި ފިހާރަތަަކުގެ ހަރުގަނޑުތަކުން އެތަކެތި ހުސްކުރަމުންނެވެ. އެއްމެފަހުން ވިއްކަންފެށީ އަގު ކޮންޓްރޯލްކޮށް، ކޮންމެބޮލަކަށް ވިއްކާ މިންވަރުވެސް ކޮންޓްރޯލްކޮށްގެނެވެ.
ސެނެޓައިޒަރއާއި ޑިސްއިންފެކްޓްގެ ބަދަލުގައި ގޭގައި ހުރި ތަކެތި ބޭނުންކޮށްގެން ޑިސްއިންފެކްޓް އުފައްދާނުގޮތުގެ ފުރިހަމަ މަޢުލޫމާތު މިހާރު އެންމެންނަށްވެސް އިނގެއެވެ. އެކަމަކު މާސްކަށް ހަދާނީ ކިހިނެތް ހެއްޔެވެ.
ވައިރަލް ހުމާއި ރޯގާފަދަ ބަލިތަކީ ފަސޭހައިން އެކަކުގެ ގައިން އަނެއްކަކުގެ ގަޔަށް އަރައި ފަސޭހައިން ފެތިރިގެންދާ ބަލިތަކެވެ. މިވަގުތު އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ގޮތުގައި ފެތުރެމުންދާ ކޯވިޑް-19އަށް ބަލާލަމާހެއްޔެވެ. ކޯވިޑް-19 ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހާ ވާހަކަދައްކާއިރު ނުވަތަ ކެއްސައި ކިނބިހި އަޅާއިރު އަންގަޔާއި ނޭފަތުން ނުކުންނަ ތިކި އަނެއްމީހާގެ ހަށިގަނޑަށް ވާސިލްވެގެންނެވެ.
މި ބަލި އެހެން މީހުންނަށް ފެތުރެނީ އެމީހާގެ ލޮނާއި ނޭފަތް ނުވަތަ އަންގަޔަށް މިއިން ތިކިތަށް ވާސިލްވެގެންނެވެ. މާސްކު މުހިންމުވަނީ މިގޮތަށް ބޭރުވާ ތިކިތައް ބޭރަށް ބުރައިގެން ދިޔަ ނުދިނުމަށާއި، އަނެކަކުގެ ހަށިގަނޑަށް ވާސިލްވުން ހުއްޓުވުމަށެވެ.
ކޮންމެހެން މާސްކް ބޭނުންކުރަންޖެހޭ މީހުންނަކީ ބަލި ޖެހިފައިވާ މީހުންނާއި ބަލިމީހާއަށް ފަރުވާއާއި އެކި ޚިދުމަތްތައް ދިނުމުގައި ހަރަކާތްތެރިވާ މީހުންނާއި، އެކިއެކި ބަލިތަކަށް ފަރުވާ ހޯދާމީހުންނާއި ދިފާއީ ނިޒާމު ދެރަ މީހުންނެވެ. މިޙާލަތްތަކުގައި ބޭނުންކުރަންޖެހެނީ ކްލިނިކަލް މާސްކް އެން-95 މާސްކްއެވެ.
މިހާރު މިޙާލަތުގައި އެއްވެސް ކަމެއްގައި ބޭރަށް ނުކުންނަނަމަ މާސްކުއެޅުމަށް ސިއްޙީ އެހީތެރިންދަނީ އިރުޝާދުދެއްވަމުންނެވެ.
މާސްކަކީ އާއްމުކޮށް ބޭނުން ކުރާ އެއްޗަކަށް ނުވާތީ އާއްމު ފިހާރަތަކުންވެސް ލިބޭކަށް ނުހުރެއެވެ. ކޮންމެ މީހަކުވެސް އިސްކަން ދޭން ފަށާފައި މިވަނީ ރައްކާތެރިކަން އިތުރުކުރުމަށް އަމިއްލައަށް އެޅެންއޮތް ކޮންމެ ފިޔަވަޅެއް އެޅުމަށެވެ. އެގޮތުން އަޅުގަނޑުމެންނަށް މިހާރު މި ފެންނަމުންދާ އެއްކަމަކީ މާސްކު ތައްޔާރުކުރުމުގައި އަވަދިނެތި ކުރަމުންދާ މަސައްކަތެކެވެ.
ސިއްޚީި ޚިދުމަތްދޭ ހޮސްޕިޓަލްތަކުގައި ހޮސްޕިޓަލްގެ މުވައްޒަފުން މިދަނީ މާސްކާއި، ޕްރޮޓެކްޓިވް ފޭސް ޝިލްޑް ހަދަމުންނެވެ. އަދި އަމިއްލަ މީހުން ދަރުމައަށް އެދިގެންވެސް، ގޭގައި މާސްކު ހަދައި ސިއްޙީ އެހީތެއިންނާއި އާއްމުންނަށްވެސް ހަދިޔާ ކުރަމުންދެއެވެ.
ގޭގައި ތިބޭއިރު އާއިލާގެ މީހުން ބޭނުންކުރަން އަމިއްލައަށްވެސް މާސްކް އުފެއްދިދާނެއެވެ. މިގޮތަށް މާސްކު ހެދުމުގައި ވީހާވެސް ސާފު ތާހިރުކޮށް ހުންނަ ފޮއްޗާއި އިލާސްޓިކް ބޭނުންކުރުން މުހިންމެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އައިޖީއެމް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން ރެސްޕިރޭޓަރީ މެޑިސިން ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވީ ޞިއްޙީގޮތުން ޚާއްސަ ޙާލަތެއްގައި ނެތް މީހެއްނަމަ، ޢާއްމުކޮށް ފޮތިފަދަ ތަކެތީގައި ހަދާފައިހުންނަ މާސްކް ބޭނުން ކުރެވިދާނެކަމަށެވެ.
ވައިރަސް ޑޮޕްލެޓަކީ ވަަރަށް ކުދި އެތިކޮޅުތަކެކެވެ. އެހެންނަމަވެސް ފޮތިން އުފައްދާ މާސްކް ބޭނުންކުރުމުންވެސް މިފަަދަ ޑްރޮޕްލެޓްތައް ހަށިގަނޑަށް ވާސިލްވުން ވަރަށް ބޮޑަށް ހުއްޓުވޭކަަމަށް ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. އަމިއްލައަށް ފޮތީގައި މާސްކު އުފައްދާ ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މާސްކްގައި އަތް ނުލުމާއި، އަދި އަލުން ބޭނުންކުރާނަމަ ރީއްޗަށް ޑިސްއިންފެކްޓްވާގޮތަށް ދޮވެލައިގެ ބޭނުންކުރުމަށް ޑޮކްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.
ކޯވީޑް-19ގެ މި ޙާލަތުގައި އަޅުގަަނޑުމެންނަށް ފެނިގެން މިދަނީ ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތެވެ. އެމީހަކަށް ވެވެންއޮތް މިންވަރަކުން، މި ބަލި ފެތުރިގެން ދިއުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތެވެ.