ޚަބަރު

ޒަރޫރީ ބޭނުމަކަށް ބޭރަށް ނުކުންނައިރު ސަމާލުކަންދޭންވީ ކަންތައްތައް


މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާގުޅިގެން ސަރުކާރުން ވަނީ މާލެ ސަރަޙައްދު ފުރަބަންދުކޮށްފައެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ފުރަބަންދު ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ދިރިއުޅުމަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައެވެ. ފުލުހުންނާ ސިފައިން ގުޅިގެން ފިހާރތަތަކުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ފެށީ މިކަން ޙައްލުކުރުމުގެ ގޮތުންނެވެ.

މިއާއެކުވެސް އެންމެއެދެވޭ ނަތީޖާއެއް މިކަމުގައި ނުނުކުތުމުގެސަބަބުން، މާލެ ސަރަޙައްދުގެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭޕްރިލް މަހުގެ 21އިން ފެށިގެން ކޮންމެ ތިން ދުވަހަކުން އެއްދުވަހު ގެއަށް ބޭނުންވާ ޒަރޫރީތަކެތި ގަތުމަށް ބޭރަށް ނުކުތުމުގެހުއްދަ ދިނުމަށްވަނީ ނިންމާފައެވެ. މާލޭގެ ކޮންމެ ގޭބިސީއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މިހާރުވަނީ ހަމަޖައްސާފައެވެ.

ހުއްދަ ހޯދުމަށް ބޭނުންވާމީހުން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ފޯމުފުރުމުން ޖަހާފައިވާ ފޯނުނަންބަރަށް ކިއުއާރު ކޯޑެއް ލިބެއެވެ. އަދި ނުކުމެވޭނެ ސަރަޙައްދާއި ވަގުތު އަންގައިދިނުމަށް ފޯނަށް މެސެޖެއް ލިބެއެވެ. ކޮންމެހެން ބޭރަށް ނުކުންނަން ނުޖެހޭނަމަ ރަނގަޅު ގޮތަކީ ގޭގައި ތިބުމެވެ. އެހެންނަމަވެސް ނުކުންނަން ޖެހިއްޖެ ޙާލަތެއްގައި ބޭރުގައިއުޅޭ ވަގުތުގައާއި ގެއަށްއައިސް ސަމާލުކަން ދޭންވީ ކަންތައްތަކެއް އެބަހުއްޓެވެ.

ބޭރަށް ނުކުންނަނަމަ ސަމާލުކަންދޭންވީ ކަންތައްތައް

  • ނުކުންނަ އިރު މާސްކް އަޅައިގެން ނުކުތުން
  • ބޭރުގައި އުޅޭއިރު މޫނުގައި އަތްނުލުން
  • ސެނިޓައިޒަރ ފުޅިއެއް ނުވަތަ ޑިސްއިންފެކްޓިންގް ވައިޕްސް ހިފައިގެން ނުކުތުން
  • ސައިކަލު މަޑިއާއި މުއްގަނޑު، ސައިކަލަށް އެރުމުގެ ކުރިން ޑިސްއިންފްކްޓް ވައިޕެއް ބޭނުންކޮށް ފުހެލުން
  • ފިހާރައެއްގެ ބާސްކެޓެއްގަ އަތްލާނަމަ ރަނގަޅަށް ސާފުކޮށްގެން ނެގުން
  • ތަންތަނުގަ އަތްނުލުން
  • ފިހާރާގައި ހުންނަ ތަކެތީގައި އަތްލުން މަދުކުރުން
  • ފަސޭހައިން ދޮވެވޭނެ ފައިވާނަކަށް އަރައިގެން ދިޔުން
  • ހުރިހާ ވަގުތެއްގައިވެސް 6 ފޫޓުގެ ދުރުމިނެއް ބެހެއްޓުން
  • ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން ޕޭމަންޓެއް އިޚްތިޔާރުކުރުން
  • އަމިއްލަ ކޮތަޅެއް ނުވަތަ ދަބަހެއް ގެންދިޔުން (ފިހާރައިގައި ހުންނަ ކޮތަޅޫ ބޭނުން މަދުކުރުމަށް)
  • ގެއަށް އައިސް އެއްވެސް ތާކު މަޑުނުކޮށް ލައިގެން ދިޔަ އަންނައުނު ބަދަލުކޮށް ވަގުތުން ފެންވެރުން
  • ބޭރަށް ދިޔަ އަންނައުނު ވަކިން ބެހެއްޓުން
  • ގެއިން ބޭރުގައި އުޅޭއިރު، ފޯނު ނެގުން މަދުކުރުން (ފޯނުލާން ޚާއްސަކޮށްފައި ހުންނަ ބޭގަކަށް ލައިގެން ގެންގުޅުން)
  • ގަނެގެން ގެނައި ތަކެތީގެ ބޭރު ސައިބޯނި ލައިގެން ރަނގަޅަށް ދޮވުން

އެކަކު އަނެކަކަށް ބަލައިގެން އުޅޭށެވެ. ބޭރުގައި އުޅޭއިރު އެކަކު އަނެކަކަށް އިޙްތިރާމް ކުރާށެވެ. ތިމާއަކީ ވައިރަސްހުރި މީހަކަށް ވެދާނެ ކަމުގައި ބަލައިގެން ޢަމަލުތައް އެގޮތަށް ބަހައްޓާށެވެ. އަނެކާގެ ގައިގަ ވައިރަސް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ދެކޭށެވެ. ރައްކާތެރިކަމަށް އެދޭށެވެ.