ޚަބަރު

ކޯވިޑް-19 : ހުއްދަ ނުހޯދައި ރަށްރަށަށް އެރި މީހުންގެ އަދަދު ހަތަރަކަށް


އެއްރަށުން އަނެއް ރަށަށް އެރުން މަނާކޮށްފައިވަނިކޮށް ހުއްދަ ނުހޯދައި ދަތުރުކުރުމާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްގެ އެންގުމާއި ޚިލާފުވެ، ހއ.މުރައިދޫއިން ހއ.ބާރަށަށް ގޮސް އަނބުރާ މުރައިދުއަށް އައި މީހަކު މިރޭ ހައްޔަރުކޮށްފައިވާކަމަށެވެެ. ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ މިރޭ 23:36ހާއިރުއެވެ. މި މައްސަލަ ފުލުހުންދަނީ ތަޙްޤީގުކުރަމުންނެވެ.

މިއީ މި ދެ ދުވަސްތެރޭ މިފަދަ މައްސަލަތަކުގައި ފުލުހުން ހައްޔަރުކުރި 4ވަނަ މީހާއެވެ. މިއަދު މެންދުރު ފުލުހުންވަނީ ހުއްދަ ނުނަގާ ގއ.ގެމަނަފުށިން އެއަތޮޅު ކޮނޑޭއަށް ޑިންގިއެއްގައި ގޮސް އެރި މީހަކުވެސް ހައްޔަރުކޮށްފައެވެ. 60 އަހަރުގެ މި މީހާ ކޮނޑޭއަށް އަރާފައިވަނީ ކައުންސިލްގެ ހުއްދަ ނެތި އެރަށުގެ ފުއްޓަރު ފަރާތުން ސިއްރުންނެވެ.

އަދި އޭޕްރިލް 19ވަނަ ދުވަހު ފުލުހުންވަނީ ހދ.ނޮޅިވަރަމުން އެއަތޮޅު ކުޅުދުއްފުއްޓަށް، ކެނޯއެއްގައި ގޮސް އޮޅުވާލައިގެން އެރި 2 މީހުންވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. މި މީހުން އެރަށަށް އެރީ ޑިންގީ ބަންޑުން ޖަހާލާފައިވާކަމަށް ބުނެއެވެ. މި މައްސަލައިގައި ފުލުހުން ވަނީ 23 އަހަރާއި 30 އަހަރުގެ ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

ކޯވިޑް 19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެދަށުން، އެއް ރަށުން އަނެއް ރަށަށް މިހާރު ދަތުރުކުރެވޭނީ އެ ރަށެއްގެ ޓާސްކްފޯހުގެ ޚާއްސަ ހުއްދައަކާއިއެކުގައެވެ.