ޚަބަރު

މެދުކެނޑިފައި އޮތް މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ


ކޯވިޑް-19 ފެތުރެމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށްފަހު މާދަމާ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފިއެވެ. ވީޑިއޯ ކޮންފަންފަރެންސް މެދުވެރިކޮށް ބާއްވާ މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 11:00 ގައެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައެއް ޖަލްސާތައް ބާއްވާފައިވެއެވެ.

މާދަމާ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިމިވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރި ސިވިލްސާވިސް މުވައްޒިފުންނަށް ޤާނޫނީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް ޖަލްސާއެއް ބާއްވައިދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސަށް ދަންނަވާފައިވަނިކޮށެވެ.

މާދަމާ ބާއްވާ ޖަލްސާއަށް ވަނީ ކައުންސިލް އިންތިޚާބަށް ކުރިމަތިލި ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށާއި، ކައުންސިލް އިންތިޚާބު ފަސްކުރުމުގެ މަޤްޞަދުގައި ހުށައެޅި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލް"ގެ މަސައްކަތްކުރުމަށްވެސް އެޖެންޑާކޮށްފައެވެ.

މީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުމާއި، ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށަައަޅާފައިވާ އިޞްލާޙުގެ ބިލުވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

އަދި ކޯވިޑް-19 ރޯގާ ފެތުރުނަނުދިނުމަށް އަޅާފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާގުޅޭގޮތުން ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ދިރާސާކުރި ރިޕޯޓަށް ވޯޓަށް އެހުމަަށްވެސް އެޖެންޑާގައި ހިމަނާފައިވެއެވެ.

އަދި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ކަށަވަރުކުރުމުގެ މައްސަލަ ޖުޑީޝިއަރީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށްވެސް ބަހުސްކޮށް މާދަމާގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފައެވެ.