ޚަބަރު

ކޯވިޑް-19 : ބާޒާރު ލިލީ އާއި މާފަންނު އިހުސާން ފިހާރައަށް މިމަހުގެ 13އާއި 17އާ ދެމެދުގައި ދިޔަ މީހުން ރިޕޯރޓުކުރޭ


ބާޒާރު ލިލީއާއި މާފަންނު އިޙްސާން ފިހާރައިން މިމަހުގެ 13އާއި 17އާ ދެމެދު ޚިދުމަތް ހޯއްދެވި ފަރާތްތަކުން އެޗްޕީއަށް ރިޕޯޓް ކުރުމަށް އެދިވަޑައިގެންފިއެވެ.

ނޭޝަނަލް އެމެނެޖްސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަ ޑރ.ފާޠީމަތު ނަޒްލާ ރަފީޤު ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 ފިހާރާއެއްގައި މަސައްކަތް ކުރާ ބިދޭސީން ކޯވިޑް-19އަށް ޕޮޒިޓިވްވުމުން އެތަންތަނުން ޚިދުމަތް ހޯދި މީހުންގެ މަޢުލޫމާތު ވީއެންމެ އަވަހަކަށް އެޗްޕީއަށް އެންގުމަށް އެދިވަޑައިގަންވާކަމަށެވެ.

އެގޮތުން 13ވަނަ ދުވަހާއި 14ވަނަ ދުވަހު ހެނދުނު 8:00އިން ހަވީރު 18:00އަށް އަދި 15ވަނަ ދުވަހު ހެނދުނު 8:00އިން ހަވީރު 16:00އަށް ބާޒާރު ލިލީއަށް ވަޑައިގެންނެވި ބޭފުޅުން އެޗްޕީއޭއަށް ރިޕޯޓްކުރުމަށް އެދިވަދައިގަންވާކަމަށް، ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މާފަންނު އިޙްސާނު ފިހާރައިން މިމަހުގެ 15، 16، 17 މިދުވަސްތަކުގައި ޚިދުމަތް ހޯއްދެވި ފަރާތްތަކުންވެސް އެޗްޕީއޭއަށް އެންގުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ.

ޑރ.ނަޒްލާ ވިދާޅުވިގޮތުގައި މިފިހާރަތަކުން މިމުއްދަތުގައި ޚިދުމަތްހޯދި މީހުން އަމިއްލައަށް ރިޕޯޓްކުރުމަކީ މުޖުތަމަޢުގެ ރައްކަލަށްޓަކައިވެސް ވަރަށް މުހިންމުކަމެކެވެ. އަދި މިހާލަތުގައި އެޗްޕީއޭއާއި ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ ބަލި ކޮންޓްރޯލްކޮށް ބަލި ފެތުރުން ހުއްޓުވުމެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރާތުން މިހާރު ލިބެމުންދާގޮތަށް އެއްބާރުލުން ލިބޭނެކަމަށް ބަލިން އަރައިގަތުމުގެ އުންމީދު ބޮޑުކަމަށެވެ.

މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެންނަކީވެސް ކުރިން ބައްޔަށް ޕޮޒިޓިވްވި މީހުންނާ ސީދާދިމާވެ ކަރަންޓީނުކުރި މީހުންގެ ގައިން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ.