ޚަބަރު

ކާބޯތަކެތި އިޤްތިޞާދުކޮށް، ޚަރަދު ކުޑަކުރުމަށް އެހީއެއް!


އެހެން އެއްވެސް ދުވަސްވަރެއްގައި ނާންނަހައި ބޮޑެތި ބަދަލުތައް ދިރިއުޅުމުގެ އާދަތަކަށް މިވަނީ ގެންނަން ޖެހިފައެވެ. އާދަތައް ބަދަލުކުރުމަށް މިވަނީ މަޖުބޫރުވެފައެވެ. ޚަރަދުތައް ވީހާވެސް ކުޑަކުރުމަށް މިވަނީ ކޮންމެހެން ބޭނުންވެފައެވެ.

ލޮކްޑައުންއާއި ގުޅިގެން ދިވެހިންނަށް ދިމާވި އެންމެ ބޮޑު ދައްޗަކީ ބޭނުންވާވަރަށް ގޭގައި ކާބޯތަކެތި ގަނެވިފައި ނެތުމެވެ. މިކަމުގެ ސަބަބުން ކާބޯތަކެތި ޑެކިވަރީކޮށްދޭ ފަރާތްތަކަށް ބާރުބޮޑުވެގެންދިޔައެވެ. އޯޑަރުތައް ގިނަވެ ޑެލިވަރީ ނުކުރެވުމާއި، ފިހާރަތަކުން ބައެއް ބާވަތްތައް ހުސްވެ ފިހާރަތަކަށް ސަޕްލައި ލިބުމުގެ ދަތިކަންވެސް ވަރަށް ބޮޑަށް ދަނީ ދިމާވަމުންނެވެ.
ނަމަވެސް މިއީ ލިބެން ހުރި މިންވަރުން ފުއްދާލައިގެން އިޤްތިޞާދު ކުރަންޖެހިފައިވާ ވަގުތެވެ. ކާބޯ ތަކެތި އިޤްތިސާދުކޮށްގެން ޚަރަދު ކުޑަކުރެވޭނެ އެތަށް ގޮތެއް އެބަހުއްޓެވެ..

ކެއިން ބުއިމުގެ ޚަރަދު ކުރާނީ ކިހިނެތް؟

1. ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކާބޯތަކެތި ތައްޔާރު ނުކުރުން. ބަނޑުހައިކަން ފިލާވަރަށާއި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތައްޔާރުކުރާނަމަ ގޭގައި ހުރި ސާމާނު އަވަހަށް ހުސްވެއެވެ. އަދި ކާބޯތަކެތި އިސްރާފުކުރާނަމަ، އެކުރެވެނީ ފައިސާވެސް އިސްރާފެވެ.

2. އެންމެ މުހިންމުކަމަކީ ކެއިން ބުއިމަށް ވަކި ވަގުތުތަކެއް ކަނޑައެޅުން.
ކެއިން ބުއިމަށް ވަކި ވަގުތުތަކެއް ކަނޑައެޅުމުން ގޭގައި ހުރި ކާބޯތަކެތި އެކި ވަގުތުތަކަށް ބަހާލައިގެން ބޭނުންކުރަން ފަސޭހަވެއެވެ. އެއްވެސް އުސޫލެއް ނެތި ނަގައިގެން ބޭނުންކުރާނަމަ އެންމެ ބޭނުންޖެހޭ ވަގުތަށްވާއިރު އޮންނާނީ ހުސްވެފައެވެ.

3. އިސްރާފުގެ ގޮތުގައި ކާނާ އުކާނުލައި ފަހަށް ރައްކާކުރުން.
ބާކީވާ ކާބޯތަކެތި އުކާލުމުގެ ބަދަލުގައި، ފަހުން ބޭނުން ކުރެވޭނެ ގޮތަކަށް ތައްޔާރުކުރުން މުހިއްމެވެ. ނޫނީ އެއިން އެހެން އެއްޗެއް ތައްޔާރުކުރުރެވިދާނެއެވެ.

4. ވީވަރަކުން މަދު ބާވަތްތައް ބޭނުންކޮށްގެން ކާނާ ތައްޔާރުކުރުން.

5. އަގުބޮޑު ބްރޭންޑްތަކުގެ ކާނާ ބޭނުންކުރުން ހުއްޓާލުން.

6. އަގުބޮޑު ބާވަތްތަކުގެ ބަދަލުގައި އާއްމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތައް ބޭނުންކުރުން.
ނޫޑުލީހާއި ޕާސްތާއާއި ސްޕެގެޓީފަދަ ތަކެއްޗަކީ އާއްމުކޮށް ޒުވާނުގެ މެދުގައި މަޤްބޫލު ބާވަތްތަކެވެ. ނަމަވެސް މިވަގުތު މިފަދަ އަގު ބޮޑު ތަކެތި ކެއުމާއި ދުރުވުމަކީ އެތަށް ފައިސާއެއް ސަލާމަތް ކުރެވޭނި ކަމެކެވެ.

7. ވާރޭފެން، ސާފު ސަޕްލައިފެން ލިބޭނަމަ އެ ފެން ބުއިމަށް ބޭނުންކުރުން. އެމްޑަބްލިއުއެސްސީއިން ދޫކުރާ ސަޕްލައި ފެނަކީ ބުއިމަށް ރައްކާތެރި ފެނެއްކަން ކަށަވަރުކޮށްފައިވާ ފެނެކެވެ. ފެނުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ފެން ކައްކައިގެންވެސް ބޭނުންކުރެވިދާނެއެވެ. ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަކީ އަގުބޮޑު، އަދި މިހާރު ލިބުންވެސް ދަތިވެފައިވާ ފެނެކެވެ.

8. ބަނޑުހައިވެފައި ހުރެގެން މީސް މިޑިއާއަށް ނުވަނުން.
މިގޮތަށް މީސްމީޑިއާގައި ދަޢުރުވާ ކާބޯތަކެތީގެ ފޮޓޯ ފެނި އެތަކެތި ކާހިތްވެ، އޯޑަރުކޮށްގެން ކާން ބޭނުންވެއެވެ. މިއީ މިވަގުތަށް ބަލާނަމަ ފައިސާ އިސްރާފުކުރުމެވެ.

ރަމަޟާންމަސް ފެށެންވެސް މިވަނީ ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. ރަމަޟާން މަހަކީ ދިވެހި ސަޤާފަތް އޮންނަގޮތުން އަޅުކަމެކޭ އެއްގޮތަށް ކެއިން ބުއިމުގެ ކަންކަންވެސް ބޮޑު މަހެކެވެ.

ނަމަވެސް މި ރަމަޟާންމަހު މަސައްކަތްކުރަންވީ ވީހާވެސް ޚަރަދު ކުޑަކޮށް، އިސްރާފްކުޑަކޮށް ކެއިންބުއިމުގެ ކަންކަން ކުރިއަށްގެންދާށެވެ.