ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ބޭރަށް ނިކުތުމުގެ ހުއްދައެއް ދޭން ނިންމިނަމަވެސް، ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި މެނުވީ ތަކެތި ގަންނަން ބޭރަށް ނިކުމެވަޑާއިނުގެންނެވުމަށް ޑރ.ނަޒްލާ ރަފީޤު އިލްތިމާސްކުރައްވައިފިއެވެ.
ޑރ.ނަޒްލާ ވަނީ މި ޚިދުމަތް ހޯއްދެވުމުގައިވެސް ވީހާވެސް ބޮޑަށް ރައްކާތެރިކަން އިސްކުރުމަށް އެދިވަޑައިގެންފައެވެ.
ކޯވިޑް 19އަށް މާލެއިން މިހާތަނަށް 40 މީހުން ޕޮސިޓިވްވެފައވާއިރު، ގިނަ ކޭސްތަކެއް ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނާއި ވަނީ ގުޅިފައެވެ. އެގޮތުން ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީކުރާ މީހުންނާއި އަދި އެފަދަ ކުންފުނިތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.
ކޯވިޑް 19ގެ މި ޙާލަތާއި ގުޅިގެން ބޭރަށް ނިކުތުން މުޅިން މަނާކޮށްފައިވާ، މިވަގުތު އާއްމުން އެންމެ ބޮޑަށް ބޭނުންވެފައވާ އަދި އެންމެ ގިނައިން ހޯދަމުންދާ ޚިދުމަތަކީ ކާބޯތަކެތި ގެއަށް ޑެލިވަރީ ކުރުމުގެ ޚިދުމަތެވެ. މި މަސައްކަތްކުރުމަށް އެކި ފިހާރަތަކާއި ކެފޭތަށް ހިމެނޭގޮތަށް މިހާރުވެސް 3000 އަށްވުރެ ގިނަ މީހުންނަށް ވަނީ ހުއްދަ ދީފައެވެ.
މިގޮތަށް ޑެލިވަރީ ޚިދުމަތް މެދުވެރިކޮށް ގެންނަ ތަކެތި ގެއަށް ވެއްދުމުގައި ރައްކާތެރިވާން ޖެހެއެވެ. މިއިން ގެންނަ ކޮތަޅުފަދަ ތަކެތީގައި ވައިރަހުގެ އަސަރު ހުރުން ދުރެއް ނޫނެވެ.
މިއަދުގެ ޕްރެސްކޮންފަރެންސްގައި ޑރ.ނަޒްލާވެސްވަނީ ފިހާރަތަކަށް ގޮސްގެން ތަކެތި ގަތުމުގައިވެސް ސަމާލްކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދު ދެއްވާފައެވެ. ޑރ. ނަޒްލާ ވަނީ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް، ބޭރަށް ނިކުތުމަށްދޭ ހުއްދަ ނާޖާއިޒް ގޮތުގައި ބޭނުން ނުުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
"ކޮންމެ ތިން ދުވަހުން 1 ދުވަހު ތަކެތި ގަންނަން ނިކުމެވޭ ގޮތް ހެދިއަސް އަޅުގަނޑުގެ އިލްތިމާސަކީ އެންމެ ޒަރޫރީ ތަކެތި ނޫން ތަކެތި ގަތުމަށް ނުނިކުތުން. މިއީ ކޮންމެ ތިން ދުވަހުން އެއް ދުވަހު ބޭރަށް ނިކުމެލަންދޭ ލައިސަންސެސް ނޫން. ފިހާރަޔަށް ދިޔަޔަސް ގައިދުރުކަމަށް އިސްކަން ދިނުމާއި، އަދި ފިހާރައިގައި ހުންނަ ތަކެތީގައި އަތްކާތައިގެން ނުބެލުން މުހިންމު." ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވަނީ ފިހާރައަށް ގޮސް އައުމަށްފަހު ވީހާވެސް އަވަހަށް އަތް ދޮވުމަށް އިރުޝާދު ދީފައެވެ. އަދި ގިނަފަހަރު ނިކުންނަން ނުޖެހޭނެހެން، އެވަގުތަށް ބޭނުންވާ ތަކެތި ގަނެގެން އައުމަށް ވަނީ އެދިވަޑައިގެންފައެވެ.