ޚަބަރު

ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނެ އިންތިޒާމް ހަމަ ޖައްސަން އަންގައިފި


މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރަމަޟާން މަހުގެ ހަނދު ފެނުންކަން ސާބިތުކޮށްދިނުމަށް ކޯޓުތަކުގައި ހެކިބަސް ދޭނެ އިންތިޒާމްތައް ހަމަޖައްސަންވީ ގޮތް އަންގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑް މިނިސްޓްރެޝަން (ޑީޖޭއޭ)އިން ވަނީ ސާރކިއުލާއެއް ނެރުއްވާފައެވެ.

މި ސާރކިއުލާގައިވަނީ ރަމަޟާންމަހުގެ ހަނދުފެނިއްޖެނަމަ ހެކިބަސްދޭން ބޭނުންވާ މީހުން އެކަން އަންގާނެ ނަމްބަރެއް ކޮންމެ ރަށެއްގައިވެސް ޢާއްމުކޮށް އިއުލާން ކުރަންވާނެކަމަށެވެ. އަދި ހެކިބަސްދޭން ޖެހިއްޖެނަމަ 22 އޭޕްރީލް ވާ ބުދަ ދުވަހުގެ 18:00އިން އެރޭ 19:30އާ ހަމައަށް ކޯޓު ހުޅުވޭނެ އިންތިޒާމް ޤާއިމުކޮށް ތައްޔާރީ ޙާލަތުގައިތިބުމަށް ކޯޓުތަކަށްވަނީ އަންގާފައެވެ.

އަދި މެޖިސްޓްރޭޓަކު ގާއިމުވެ ނުހުންނަ ރަށްރަށުގައިނަމަ އޯޑިއޯ ނުވަތަ ވޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވަނީ އަންގާފައެވެ. މާލޭގައިނަމަ ހަނދުފެނުންކަން ސާބިތުކޮށްދިނުމަށް ހެކިބަސްދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަައިކަމަށްވެސް އެ ޑިޕާޓްމަންޓުން ވަނީ ވިދާޅުވެފައެވެ. މާލޭގައިނަމަ ހަނދުފެނުންކަން ސާބިތުކޮށްދިނުމަށް ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން ގުޅުމަށް ޑީޖޭއިން އަންގާފައިވަނީ 7704777 މި ނަމްބަރަށެވެ. މިނަމްބަރަށް ގުޅުމުން ހަނދު ފެނުކަން ސާބިތުކުރަން ޖެހޭނަމަ ގާޒީއެއްގެ ކުރިފުޅުމަތީ އެ މީހަކަށް ހެކިބަސް ދެވޭނެ އިންތިޒާމް ހަމަޖައްސަދޭނެ ކަމަށްވެސް ޑީޖޭއިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19އާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ކޯޓުތައްވެސް ވަނީ މިދުވަސްވރު ބަންދުކޮށްފައެވެ.