ޚަބަރު

ކޯވިޑް-19 : އިންތިޚާބަށް ސަސްޕެންޑް ކުރި މުވައްޒަފުންނަށް އަވަސް ހައްލެއް ބޭނުންވޭ


ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި ސިވިލްސާވިސް މުވައްޒިފުންނަށް ޤާނޫނީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް މިނިވަން މުވައްސާ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދަންނަވައިފިއެވެ.

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިންތިޚާބު ބޭއްވުމުގެ 30 ދުވަސްކުރިން އިންތިޚާބުގައި ވާދަކުރި ސިވިލްސާވިސް މުވައްޒިފުން ސަސްޕެންޑުކޮށްފައިވުމާއެކު، އިންތިޚާބް ފަސްކުރުމާއި ގުޅިގެން އެ މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދޭނެ ގޮތްތަކަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ކޯވިޑް-19 ގެ ޙާލަތު ރަނގަޅުވެ އިންތިޚާބު ބޭއްވޭނެ ވަކި ތާރީޚެއް އެނގެން ނެތްކަމުން، މުއްދަތެއް ނެތްގޮތެއްގައި ސިވިލް ސަރވިސް މުވައްޒަފުންތަކެއް ސަސްޕެންޝަނުގައި ތިބެންޖެހި މުސާރައާއި ޢިނާޔަތްތައް ނުލިބި ގިނަ ދުވަސްތަކެއް ހިނގަމުންދާއިރު، އަދި ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އެ މުވައްޒަފުންނަށް ލިބެންޖެހޭ ރަމަޟާން މަހުގެ ޢިނާޔަތް އެ މުވައްޒަފުންނަށް ލިބޭނެގޮތްވެފައި ނުވުމަކީ މިނިވަން މުވައްސަސާކޮމިޓީން ކަންބޮޑުވާ ކަމެއްކަމުގައި އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

އަދި މިމައްސަލާގައި އަވަސް ހައްލެއް ހޯދައި މިކަމުގެ ދަތިކަން ދިމާވެފައިވާ އެތަކެއް މުވައްޒިފުންނަށް އަވަސް ހައްލެއް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޚާއްސަ ބިލު މަޖިލީހުން ވީއެންމެ އަވަހަށް ފާސްކުރުމަށް ވަނީ މަޖިލީހުގެ ރައީސްއަށް ދަންނަވާފައެވެ. މިމައްސަލާގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބެމުންދާ ގެއްލުންތަކަށް ޤާނޫނީ ހައްލެއް ހޯދުމަށްޓަކައި އެމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ސިވިލްސާވިސް ކޮމިޝަނުންވެސް ވަނީ ނިންމަވާފައެވެ.