ޚަބަރު

ކޯވިޑް-19 : "އަޅުގަނޑަށް ނުވިސްނެނީ ވިސްނޭވަރު މީހުންނަށް ނުވިސްނެނީ ކީއްވެކަން"


ކޯވިޑް-19ގެ ޚަބަރުތަކާއިއެކު ކޮންމެ މީހަކުވެސް އަވަސްވީ އެމީހުންގެ ދަރިން ގެއިން ނުނެރެ، އެ ކުދިންނަށް ދެވެންއޮތް ރައްކާތެރިކަމެއް ދިނުމަށެވެ.

ސަރުކާރުން ސްކޫލްތައްވެސް ބަންދުކުރީ އެފަދަ މާޙައުލަކުން ކުދިންގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާނުލުމަށެވެ. ޕާކުތަކާއި މައިޒާންތަކާއި އަދި ކުޅިވަރުކުޅޭ އެކި އެކި ތަންތަންވެސް ބަންދުކުރީ އާއިލާތަކުގެ ރައްކާތެރިކަމަށެވެ. ނަމަވެސް ދެބަސް ނުވެވޭނެ ކަމަކީ މި އިރުޝާދުތަކަށް ބީރުކަންފަތްދިން ބަޔަކުވެސް ތިބިކަމެވެ.

ޖަމާލުއްދީން ސްކޫލްގެ ދަރިވަރު ފާތުމަތު ސާރާ ނަޒާރު ހަނދާންކޮށްދިނީ މި މެސެޖުތަކެވެ. ކޮންމެ އުމުރަކަށްވެސް ދޭހަވާހެން ދިން 3މިނެޓުގެ މެސެޖަކީ ކޮންމެ ތުއްތު ކުއްޖެއްގެވެސް ޝުޢޫރަށްވާނެއެވެ.

"އެންމެ ލޯބިވާ ސްކޫލްތައް އެހުރީ ބަންދުކޮށްފައި، ކުޅެ މަޖާކުރި ކޯޓުތަކާއި ދަނޑުތައް އެހުރީ ތަޅުލާފައި، އެކުވެރިންނާއި ރައްޓެހިންނާއިއެކު ނެގި މަޖާތައް އެހުރީ ހުއްޓިފައި. މި ހުރިހާ ކަމަކުން ދުރުވެ އަޅުގަނޑުމެން ކުޑަކުދިން މިތިބީ ގޭގައި." ސާރާގެ މެސެޖުގައި ބުނެފައިވެއެވެ.

ސަރާގެ މެސެޖުގައި ބުނެފައިވަނީ މަބްރޫކްބެދޭ އިރުޝާދުތަކަށް ބޮޑެތިމީހުން ސަމާލުނުވާތީ ދެރަވާކަމަށެވެ. އެފަދަ މެސެޖުތަށް ތުއްތު ކުދިންނަށް ދޭހަވާއިރު، އެކަމުގައި ކުޑަކުދިންނަށް ނަމޫނާ ދައްކަންވީ ބޮޑެތިމީހުންގެ ކިބައިން އެންމެ ބޭނުންވާ ނަމޫނާ ނުފެންނަ ކަމަށެވެ. ޚާއްސަކޮށް ގައިދުރުކަން އިތުރުކުރުމަށް އަބަދު ކިޔާއަޑު އިވޭއިރު އެކަން ނާހާތީ ދެރަވާކަމަށެވެ.

"އަޅުގަނޑަށް ނުވިސްނެނީ ވިސްނޭވަރު މީހުންނަށް ނުވިސްނެނީ ކީއްވެކަން. ކާކު ބޭނުންވާނީ ލައްކައަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި ފަރުވާނުދެވި، ލޯބިވާ މީހުން ނިމިދާން." ސަރާގެ މެސެޖުގައި ބުނެފައިވެއެވެ.

އެންމެން އެކުގައި މަސައްކަތް ކޮށްގެން އަވަހަށް މިކަމުން ސަލާމާތްވާން ބޭނުންވާކަމަށް ސާރާ ބުންޏެވެ. އިރުޝާދުތައް އަހައި ގިނަގިނައިން ﷲގެ ހަޟްރަތުގައި ދުޢާ ކުރުމަށްވަނީ ހަނދާންކޮށްދީފައެވެ.

"ބޭނުންވާ ތަކެތި ނުލިބޭނެކަމާއި، ބޭނުންވާ ކަންކަން ނުވާނެކަން، މަންމަމެން ބުނީމައި މިތިބީ ގަބޫލުކޮށްގެން." ސާރާ ބުނެފައިވެއެވެ.

ސާރާވަނީ ހުރިހާ ކުދިންނާއި މީހުންވެސް އިރުޝާދުތަކަށް ސަމާލްވެސް، ވީހާވެސް ސާފުތާހިރުކޮށް އުޅުމަށް ހަނދާންކޮށްދީފައެވެ. ތުއްތި ކުދިންގެ ރައްކާތެރިކަމަށް އެހީވެދިނުމަށް ވަނީ އެދިފައެވެ. ސާރާގެ މެސެޖު ނިންމާލީ އަސަރުން ފުރިގެންވާ ޅެން ބައިތަކުންނެވެ.

ޖައްސައިފިއެ މަރުހާލު، ދުނިޔެ ކޮށްފިއެ ރޯނާ ރޮއްވައިފިއެ މުޅި ދުނިޔެ، ހަނާކޮށް މި ކޮރޯނާ