ޚަބަރު

ކޯވިޑް-19 : ބިދޭސީންނާމެދު ތަފާތުކުރުން ޑރ.ނަޒްލާ ތަޙައްމަލެއް ނުކުރެއްވި


ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހެނީ ދިވެހި ރައްޔިތުންނަށް އެކަނި ނޫންކަމަށާ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ޤައުމެއްގެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ވިދާޅުވެ ބިދޭސީންނާމެދު ކުރެވޭ ތަފާތުކުރުންތަކާއި އެމީހުންދަށްކޮށްލުމުގެ ޢަމަލުތަކަށް ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ރައްދުދެއްވައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19އާ ގުޅިގެން އެންމެ ބުރަކޮށް މަސައްކަތްކުރައްވަމުންދާ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ދިވެއްސަކަށްވިޔަސް ބިދޭސީއަކަށްވިޔަސް އެމީހަކަށް ދޭންޖެހޭ އިޙްތިރާމާއި ޤަދަރު ދޭންޖެހޭނެކަމަށެވެ. އަދި ޚާއްސަކޮށް ޞިއްޙީ މިފަދަ ބޮޑު ބަލިމަޑުކަމެއްގައި އެއްވެސް އިންސާނެއްގެ މެދުގައި ތަފާތުވާނޭގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ އާންމު ޞިއްޙަތު ޤާނޫނާވެސް ކަނޑައެޅިގެން ޚިލާފް ކަމެއްކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ޤައުމެއްގެ ކޮންމެރައްޔިތަކަށްވެސް ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ޤާނޫނުގެދަށުން ދައުލަތުގެމައްޗަށް ލާޒިމް ކަމެކެވެ. މުޖުތަމައުގެ ތެރޭގައި ބައެއްމީހުންގެ ވިސްނުން ހުންނަކީ ވަކިޤައުމެއްގެ މީހަކަށް ބަލިޖެހުމުން ރާއްޖޭގެ މީހުންނަށް އެކަމުގެ ނުރައްކާ ބޮޑުވެ ބަލި ފެތުރިގެންދާނެކަމަށް ޤަބޫލުކުރެވޭ މޭރުމަކުންކަން ފާހަގަކުރައްވައި ޑރ.ނަޒްލާވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެއްވެސް ބަލިމަޑުމަކީ ވަކި ނަސްލަކަށް ވަކި މީހަކަށް އޮތް ބައްޔެއްނޫންކަން ޤަބޫލުކުރަންޖެހޭކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލެއްގައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ މުޚާތަބުކޮށް އިޙްތިރާމް ކުޑަ މޭރުމަކުން ވާހަކަދައްކާފައެވެ.

އޭނާ ވާހަކަ ދައްކަވަމުންދަނިކޮށް ޑރ.ނަޒްލާވަނީ އެވާހަތައް ހުއްޓުވައި އެއްވެސް ޤައުމެއްގެ މީހަކާމެދު އެފަދަ ގޮތަކަށް މުޚާތަބް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުން ނިންމާލުމުގެ ކުރިން އެންމެފަހު ވާހަކައަކަށްވެސް ޑރ.ނަޒްލާވަނީ މިފަދަ ތަފާތުކުރުންތަކާމެދު ދެކޮޅުހައްދަވައި ހިތްޕުޅުހަމަޖެހިވަޑައިނުގަތުން ފާޅުކުރައްވާފައެވެ. ޑރ.ނަޒްރާގެ މިވާހަކަފުޅުތަކަށް ސޯޝަލްމީޑިއާގައި ގިނަބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.