ޚަބަރު

ކޯވިޑް-19 : ހުއްދަ ނެތި މަގުމަތީ އުޅުނު 78މީހަކު ޖޫރިމަނާކޮށްފި


ޤަވާއިދާ ޚިލާފަށް މަގުމައްޗަށް ނިކުމެ އުޅުނު 78މީހުން ފުލުހުން ޖޫރިމަނާކޮށްފިއެވެ. މާލެ ފުރަބަންދުކޮށްފައިވާއިރު ހުއްދަ ނެތި މަގުމަތީގައި އުޅޭ މީހުން އިންޒާރަކާއި ނުލާ ޖޫރިމަނާކުރާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މުޅި މާލެ ލޮކްޑައުންކޮށްފައިވަނީ ބަލި ފެތުރުމުގެ ބިރު އޮތުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މަގުމައްޗަށް ނުކުމެ އުޅޭ މީހުންނަށް މީގެކުރިން ނަސޭހަތްދީ ގެއަށް ފޮނުވާލިނަމަވެސް، ދެން އެގޮތަށް ޢަމަލު ނުކުރާނެކަމަށެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް މަގުމަތީގައި ބޭނުމެއް ނެތި އުޅޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުރަބަންދުގެ އަމުރާއި ޚިލާފުވާ މީހުން 1000ރުފިޔާއިން ޖޫރިމަނާކުރުމަށް ފުލުހުން ވަނީ ނިންމަވާފައެވެ.

ފުލުހުން ވަނީ ފުރަބަންދުގެ އުސޫލުތަކާއި ޤާނޫނާ ޚިލާފަށް މަގުމަތީގައި އުޅުނު 78 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމެވެ. ފުރަބަންދުގެ ޙާލަތުގައި މަގުމައްޗަށް ނުކުމެނޭވީ ފުލުހުން ދޫކުރާ ޚާއްޞަ ހުއްދައަކާއެކުގައެވެ. މި ހުއްދަ ދޫކުރަމުންދަނީ ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަންޖެހޭ މީހުންނަށް އެކަންޏެވެ. ފުލުހުން ވަނީ އޮންލައިންކޮށް އެކަމަށް ފަސޭހައިން އެދެވޭނެ ގޮތެއްވެސް ހަމަޖައްސައިދީފައެވެ.

މިހާތަނަށް 3469މީހުންނަށް ޑެލިވަރީއާއި ގުޅޭ މަސައްކަތް ކުރުމަށްވަނީ ހުއްދަ ދީފައެވެ. އަދި ޑެލިވަރީ ސްޓިކަރ 279މީހުންނަށް ދީފައިކަމަށް ފުލުހުން ވިދާޅުވެއެވެ.