ޚަބަރު

ކޯވިޑް-19 : މާލެއިން ޕޮޒިޓިވްވި މީހުންގެ 468 ކޮންޓެކްޓެއް ދެނެގަނެވި 242 ސާމްޕަލް ނަގައިފި


މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންނާއި ސީދާ ދިމާވި 468 ކޮންޓެކްޓެއް ދެނެގަނެވި 242 މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ބަލިޖެހުނު މީހުންނާއި، ކޮންޓެކްޓްވި ގިނަ މީހުން ދެނެގަނެވިފައިވާކަމަށެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންނާއި ދިމާވި 468 ކޮންޓެކްޓެއް ދެނެގަނެވި އޭގެ ތެރެއިން 242 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި މިހާތަނަށް މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 133 އެޕާޓްމަންޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންނާއި ކަރަންޓީންގައި ތިބިމީހުންގެ ތަފްސީލްތައްވެސް މަބްރޫކް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އައިސޮލޭޝަން ފެސިލިޓީސްތަކުގައި 89 މީހަކު އަދި ކަރަންޓީން ފެސިލިޓީސްތަކުގައި 1164 މީހަކު ތިބިކަމަށް އޭނާ ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށަކުން ބަލި ފެނުމާއި ގުޅިގެން އިތުރު ކަރަންޓީން ފެސިލިޓީސްތައް ހަމަޖައްސަމުންދާކަމަށެވެ. އެގޮތުން ކަނޑިންމަ ރިސޯޓާއި، އިރުފުށި ރިސޯޓް ކަރަންޓީން ފެސިލިޓީސްއެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއިއެކު ރާއްޖޭގައި މިހާރު ކަރަންޓީން ފެސިލިޓީސްތަކުގެ ގޮތުގައި 14 ފެސިލިޓީސް ބޭނުންކުރެވޭނެއެވެ. މިހާރު ރާއްޖޭގެ 7 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ.ގެ 4 ރަށަކާއި، ހދ.ގެ 2 ރަށެކެވެ. މަބްރޫކް ވިދާޅުވީ މިއަދުގެ މިހާތަނަށް ކޯލްސެންޓަރަށް 5497 މީހަކު ގުޅައި މައުލޫމާތު ހޯދާފައިވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށް ކުރަމުންދާ މަސައްކަތުން ރައްޔިތުންގެ އެއްބާރުލުމާއެކު ކުރިއަށް އޮތް ތަނުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިގެންދާނެކަމަށް އުންމިދު ކުރައްވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.