ޚަބަރު

ހުއްދަނެތި މަގުމަތީގައި އުޅޭނަމަ މިވަގުތުން ފެށިގެން ޖޫރިމަނާކުރާނެ - ފުލުހުން


ފުލުހުންގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގައިގެން ޒަރޫރީ ބޭނުމެއްގައި ފިޔަވައި ހުއްދަ ނެތި މަގުމަތީގައިއުޅޭ މީހުން މިރެއިން ފެށިގެން ވަގުތުން ޖޫރިމަނާކުރަން ފަށާނެކަން ފުލުހުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، ހުއްދަ ނެތި މަގުތަކުގައި އުޅޭ މީހުންނަށް މީގެފަހުން ފުލުހުން ނަސޭހަތް ނުދޭނެކަމަށެވެ. ކޮންމެ ގޭބީސީއަކުން އެންމެ މީހަކު ބޭރަށް ނިކުތުމުގެ ހުއްދ ދީފައިވާގޮތާގުޅޭގޮތުން ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ބޭރަށް ނުކުތުމުގެ ހުއްދައޮތަސް ހުއްދަނެތް ސަރަހައްދެއްގައި އުޅޭނަމަ އެއްވެސްމީހަކު އިސްތިސްނުކުރާނެކަމަށެވެ.

ފައިރޫޝް ބޭރަށް ނިކުތުމަށް ހުއްދަދެވޭނީ ކުރިންވެސްހަމަ ބޭނުންކުރި ޕޯޓަލްގެ ތެރެއިންކަމަށެވެ. އެޕޯޓަލްގައިހުރި މައުލޫމާތުތައް ފުރުމުން ހުއްދަ ދެވޭނެކަމަށާ، މިހާރު މެނުއަލް ޕްރޮސެސްއަކުން މިކަންކުރި ނަމަވެސް މިހާރު ސޮފްޓްވެއާ ސިސްޓަމަކުން ސަރަހައްދުތައް ބަހާލައި އެކަކު އަނެކަކު ކޮންޓެކްޓް ނުވާނެގޮތަށް ފުރުޞަތު ދޭނެކަމަށެވެ.

"މި ސޮފްޓްވެއަގެ ތެރެއިން އެކި ބޭނުންތަކަށް ނުކުންނަން ޖެހޭ މީހުން އެކި ކެޓަގަރީއަށް ވާނީ ބަހާލެވިފައި. ވަޒީފާގެ ޑިއުޓީތަކަށް ނުކުންނަން ޖެހޭ މީހުން ވެސް އެބަ ހިމެނޭ. ކޮންމެހެން ޒަރޫރީ ތަކެތި ގަތުމަށް ގްރީސަރީ ޝޮޕިންން އަކީ އެއްބައި. ސިއްހީ ތަކެތި ގަންނަން ބައެއް މީހުން ހޮސްޕިޓަލަށް ދިއުމާ ހޮސްޕިޓަލަށް ތަކެތި ގެންދިއުމާ ހުއްދަދޭ ކެޓަގަރީތައް. ވަޒީފާތަކަށް ނުކުންނަ މީހުން އަޅުގަނޑުމެން ބަލަނީ އެއީ ކޮންމެހެން ނުކުންނަން ޖެހޭ އަދި އެ ގަޑީގައި ކޮންމެހެން ނުކުމެގެން ހިދުމަތް ދޭން ޖެހޭ މީހެއްތޯ އަޅުގަނޑުމެން ބަލާނެ." އޭސީޕީ ފައިރޫޝް ވިދާޅުވިއެވެ.

މިޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް ވިދާޅުވީ، މިވަގުތު މާލެ ސަރަޙައްދު ލޮކްޑައުން ކުރުމުން ގޭބީސީތަކަށް ކާބޯތަކެތި ހޯދުމާއި، ބައެއް ޒަރޫރީ ދަތިތައް ހުރުމުން ކަންބޮޑުވުންތަކުގެ ސަބަބުން ވަރަށް ގިނަ ފިޔަވަޅުތައް ފުލުހުންގެ ފަރާތުން އަޅާފައިވާނެކަމަށާއި، އަދި ގިނަ ކަންކަން ހައްލުކުރުމަށް މަސައްކަތްކޮށްދީފައިވާނެކަމަށެވެ.

މިއީ އެންމެ ފުރިހަމައަށް ކަންކަން ވާނެ ވަގުތެއް ނޫންކަން ފާހަގަކުރައްވާ މަންނާން ވިދާޅުވީ، ޒަރޫރީ އެކި ބޭނުންތަކަށް އެންއީއޯސީ ނުވަތަ ފުލުހުންގެ ފަރާތުން ދީފައިވާ ފާސް ބޭނުންކޮށްގެން ހުއްދަނޫން އެހެންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާކަަކަމަށެވެ. އެޚާއްޞަ ފާސް ދޫކޮށްފައިވަނީ ވަރަށް މުހިންމު ކަމެއް ކުރުމަށް ވަކިވަގުތަކަށް ނުވަތަ ވަކިތަނަކަށް ދިއުމަށްކަމަށާ، މަޤްޞަދު ގެއްލޭގޮތަށް އެފާސް ބޭނުން ނުކުރުމަށް ޑެޕިއުޓީ ކޮމިޝަނަރު އިލްތިމާސްކުރެއްވިއެވެ.

"އެނޫން ބޭނުމަށް މި ފާސްތައް ބޭނުންނުކުރުމަށް އެދެން. ގިނަ ބޭފުޅުން ރަނގަޅަށް ފާސް ބޭނުންކުރަނީ. ބޮޑަށް ފާހަގަކުރެވެނީ ސައިކަލު ދުއްވާ ބައެއް ފަރާތްތަކުން އެބަހުރި ލައިސަން ނެތިވެސް މި ފާސް އޮންނަ ފަރާތްތައް ދުއްވާކަން. އެހެން ބައެއް ކަންކަންވެސް ކޮށްފައިއެބަހުރި. ޤަވާއިދާއި ޚިލާފަށް ފާސް ބޭނުންކުރި މީހުންގެ ޢަދަދު މިވަގުތު ދަންނަވާލަން ދަތި."

މި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ގަތުމަށް ހުއްދަދޭ ދިނުން ފިޔަވާ އެހެން އެއްވެސް ކަމަކަށް މީގެ ފަހުން ހުއްދަ ނުދޭނެކަމަށެވެ. ފުލުހުންވަނީ ބޭރަށް ނިކުތުމަށް ހުއްދަދޭނީ ކޮންމެ ތިން ދުވަހަކުން އެއްދުވަހު ކޮންމެ ގޭބީސީއަކުން އެކަކަށްކަމަށެވެ.