ކޯވިޑް-19ގެ މި ޙާލަތު ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމެއް އަންދާޒާ ކުރާކަށް ނޭނގެއެވެ. 14ދުވަހުގެ ލޮކްޑައުންގައި އޮތްއިރު މި ދުވަސްތައް ވެގެންދަނީ މާލީ ގޮތުންވެސް އާއިލާތަކަށް ދަތިތަކާއި ކުރިމަތިވާނެ ދުވަސްތަކަކަށެވެ. މި ދުވަސްވަރު ވީހާވެސް ބޮޑަށް އިޤްތިޞާދު ކުރެވޭނެހެން ޚަރަދުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމަކެވެ. އަދި ބޭކާރު ޚަރަދުތަކާ ދުރުހެލިވެ، ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ނޫނީ ނުކުރުމަށް އިސްކަންދޭންޖެހެއެވެ.
ރާއްޖެއަކީ ފުޅީގައި ބަންދުކުރި ފެނަށް ގިނަ ބަޔަކު ބަރޯސާވަމުންދާ ޤައުމެކެވެ. ރަށްރަށަށް ވުރެ މާލޭގައި ފުޅި ފެނަށް އޮންނަ ޑިމާންޑް ބޮޑެވެ. އެންމެ މަހަކަށްވެސް އެތަައް ހާސް ރުފިޔާއެއް ބޯފެނަށް ހޭދަކުރެއެވެ. މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ގިނަ އާއިލާތަކުންވެސް ފުޅީގައި ބަންދުކޮށްފައި ހުންނަ ބޯފެން ބޭނުންކުރެއެވެ.
މާލެ ސަރަޙައްދުގައި ފުޅި ފެނަށް އޮންނަ ޑިމާންޑް ބޮޑުވަނީ ވާރޭފެން ރައްކާކުރެވޭނެ ގޮތެއް ނެތުމާއި، އަދި ސަޕްލައި ފެނުގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދޭތީއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަޙައްދަށް ސަޕްލައި ފެން ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ. އެކުންފުނިން އުފައްދާ ފެނަކީ ދުނިޔޭގެ ޞިއްޚަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން، ބޯން ރައްކާތެރި ފެން ކަމަށް ކަނޑައަޅާ މިންގަނޑުތަކަށްވުރެވެސް ރައްކާތެރިކަން މަތި ފެނެއްކަމަށް މިދިޔަ އަހަރު އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދިފައެވެ. މިދިޔައަަރުގެ މަރޗްމަހު ހެދި ދިރާސާއަކީ ފުޅި ފެނަށް ބަރޯސާވުން ކުޑަކޮށް، ފުޅި ފެން ގަތުމަށް އާއްމުން ހޭދަކުރާ ހޭދަކުރުން ކުޑަކުރެވިދާނެކަން ކަށަވަރުކުރުމަށް ހެދި ދިރާސާއެކެވެ. މި ދިރާސާ ހަދާފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ގުޅިގެންނެވެ.
މި ދިރާސާއިން ހާމަވިގޮތުގައި ރާއްޖޭގައި އުފައްދާ ސަޕްލައި ފެނަކީ ބުއިން ރައްކާތެރިކަން ކަނޑައަޅާ މިންގަނޑަށްވުރެ، އެތައް ގުނައަކުން ކޮލިޓީ ރަނގަޅު ފެނެކެވެ. މި ފެން ބުއިމުން ޞިއްޚި އެއްވެސް މައްސަަލައެއް ދިމާނުވާނެކަން ވަނީ ކަށަވަރު ކުރެވިފައެވެ.
ގޭގެއަށް ފެން ފޯރުކުރުކޮށްދިނުމުގެ ކުރިން ކޮންމެދުވަހަކުވެސް އެމްޑަބްލިޔުއެސްސީން ފެނުގެ 3 ޓެސްޓެއް ހަދައެވެ. އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީންދަނީ ގަވާއިދުން ޓެސްްޓް ހަދަމުންނެވެ.
ސަޕްލައި ފެން ބޭނުންކުރާނަމަ ކޯވިޑް 19ގެ މި ދަނޑިވަޅުގައި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ކުރާ ހޭދަ ކުޑަކުރެވިދާނެއެވެ. އިސްކުރު ފެން ބުއިމަކުން ޞިއްޚީ މައްސަލައެއް ދިމާ ނުވާނެކަން ފެން ފޯރުކޮށްދޭ ފަރާތްތަކާއި، ޞިއްޚީ މާހިރުން މިވަނީ ކަށަވަރުކޮށްދީފައެވެ.
އަދި ފެނުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ފެން ކައްކައިގެންވެސް ބޭނުންކުރެވިދާނެއެވެ. އަދި ގޭގޭގެ އެތެރޭގެ ފެނުގެ ނެޓްވޯކްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޭގެ ވެރިން އިސްކަން ދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ރަށްރަށުން ފެން ގަންނަ ފަރާތްތަކުންވެސް ވީހާވެސް ވާރޭފެން ބުއިމަށް އާދަކުރައްވާށެވެ. އަދި ވާރެ ވެހޭނަމަ ފެން ރައްކާކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާށެވެ. މިފަދަ ދަނޑިވަޅެއްގައި ކޮންމެ ފަރާތަކުން އިސްކަންދޭންވީ ވީހާވެސް ޚަރަދު ކުޑަކޮށް، އަދި އެއްވެސް ވަރަކަށް އިސްރާފް ނުކުރުމަށެވެ.