މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ބްރޭންޑް ލައިސަންސްގައި މިރޭ ސޮއިކުރަނީ


"މޯލްޑިވިއަން އައިޑަލް" ރާއްޖޭގައި ދެއްކުމުގެ ބްރޭންޑް ލައިސަންސް، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކުރުން މިރޭ އޮންނާނެއެވެ. މިއީ އިންޓަރނޭޝަނަލް ޓީވީ ޝޯވއެއް ފްރެންޗައިޒް އުސޫލުން ރާއްޖޭގެ ޓީވީ ޗެނަލެއްގައި ދެއްކުމަށް ހަމަޖެހުނު ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ މިރޭ ދިހަގަޑި ސުންމިނެޓްގައި އެކަމަށްޓަކައި ޕީ.އެސް.އެމްގެ ޓީވީ ބިލްޑިންގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ."މޯލްޑިވިއަން އައިޑަލް" ރާއްޖޭގައި ހޯސްޓްކުރުމުގެ ރައިޓްސް ޕީ.އެސް.އެމްއަށް ލިބިފައިވާއިރު، މިރޭ ސޮއިކުރުމަށް ހަމަޖެހިފައިވަނީ މި ޝޯވގެ ބްރޭންޑް ލައިސަންސް ދޫކުރާއި ފަރާތްކަމަށްވާ ފްރެމެންޓަލް މީޑިއާއާއެކުއެވެ. ފްރެމެންޓަލް މީޑިއާއަކީ މަޝްޙޫރު ރިޔަލިޓީ ޝޯވއެއްކަމަށްވާ "ޕޮޕް އައިޑަލް" ފްރެންޗައިޒް އުސޫލުން ދުނިޔޭގެ އެކި ޤައުމުތަކުގައި ދެއްކުމުގެ ލައިންސްދޫކުރާ، އިނގިރޭސި ވިލާތުގެ ކުންފުންޏެކެވެ. އެގޮތުން އެކުންފުނީގެ ފަރާތުން މިހާރުވެސް ދުނިޔޭގެ ސަތޭކަ ފަންސާސް ޤައުމެއްގައި ކުރިއަށްގެންދާ މި ޝޯވއަކީ، ހަތަރު ސަތޭކަ ފަސްދޮޅަސް މިލިއަނެއްހާ މީހުން ބަލަމުންދާ މަޝްހޫރު ޝޯވއެކެވެ. ފްރެމެންޓަލް މީޑިއާގެ އިތުރުން، ރާއްޖޭގައި މި ޝޯވ އިންތިޒާމްކުރާ ލޯކަލް އޭޖެންޓްކަމަށްވާ ލަކްސޯ އިންޓަރނޭޝަލްއާއެކުވެސް މިރޭގެ ރަސްމިއްޔާތުގައި، ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "މޯލްޑިވިއަން އައިޑަލް" ވީހާވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށާއި، ޝޯވ ޕްރޮމޯޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން - އެމް.އެމް.ޕީ.އާރ.ސީއާއި، ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސް - އެން.ސީ.އޭއާއެކުވެސް ސޮއިކުރުން މިރޭ އޮންނާނެވެ. މި ޝޯވއަކީ ލަވަކިއުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އިންޓަރނޭޝަނަލް ޕްލެޓްފޯމެއް ހޯދައިދިނުމުގެ މަޤުސަދުގައި ބާއްވާ ޝޯވއެއްކަމަށް ޕީ.އެސް.އެމުން މައުލޫމާތުދެއެވެ.