ވިޔަފާރި

ލޮކްޑައުން ނިމުނުހާ އަވަހަކަށް ކެންސަލްވި ދަތުރުތައް ކުރާނަން - މޯލްޑިވިއަން


ލޮކްޑައުންގެ ހާލަތު ނިމުނުހާ އަވަހަކަށް ކެންސަލްވި ދަތުރުތައް އަލުން ޝެޑިއުލްކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

ކޯވިޑް19 އާއި ގުޅިގެން މޯލްޑިވިއަނުން ވަނީ އެތެރޭގެ އުދުހުންތައް ވަކި މުއްދަތެއްނެތްގޮތައް ކެންސަލްކޮށްފައެވެ. އެ ކުންފުނީގެ އެތެރޭގެ އުދުހުންތައް މިމަހުގެ 15 ވަނަ ދުވަހު މާލެއަށް ލޮކްޑައުން އިއުލާންކުރި ހިސާބުން ވަނީ ކެންސަލްކޮށްފައެވެ.

މޯލްޑިވިއަނުން ބުނީ ލޮކްޑައުންގެ ހާލަތު ނިމުނުހާ އަވަހަކަށް ކެންސަލްވި ދަތުރުތައް އަލުން ޝެޑިއުލްކޮށް ކަސްޓަމަރުންނަށް އަންގަމުން ގެންދާނެކަމަށެވެ.

އެތެރޭގެ އުދުހުންތައް މެދުކަނޑާލުމުގެ އިތުރުން މޯލްޑިވިއަނުން ވަނީ އެ ކުންފުނީގެ ކޯލް ސެންޓަރ އަދި ވައިބަރ ޕްލެޓްފޯމްގެ ޚިދުމަތްވެސް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި އެއްވެސް މައުލޫމާތެއް އަދި ސުވާލެއް އޮތްނަމަ ކުންފުނީގެ އީމެއިލްއަށް މެއިލްކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

ކޯވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެސިޓީ ސަރަޙައްދު، ކުރިއަށް އޮތް ދެ ހަފްތާއަށް ފުރަބަންދު ކުރުމަށް މިދިޔަ ހުކުރުދުވަހުވަނީ ނިންމާފައެވެ. އަދި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަންވަނީ ޢިއުލާންކުރައްވާފައެވެ. އެގޮތުން ވަކި ގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ.