ރިޕޯޓް

ކޯވިޑް-19 : އިތުރުވަމުންދާ ކުލަސްޓާތަކާއިއެކު އިންޒާރުގެ ރަނގަބީލުގެ އަޑު ގަދަވަނީ


މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމުގެ މާކުރިންވެސް ކަމާއި ބެހޭ މުއައްސަސާތަކާއި އާއްމު ރައްޔިތުންވެސް ދިޔައީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. މާލެއިން ޕޮޒިޓިވް އެންމެ މީހަކު ފެންނައިރުވެސް އޮންނާނީ އެތައް ބަޔަކަށް ބަލި ފެތުރިފައިކަމުގައި އެއީ މާލޭގަިއ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް އެނގި ކަށަވަރުވެފައި އޮތް ކަމެކެވެ.

ތޮއްޖެހިފައިވާ މާލޭގައި އިޖުތިމާއީ ގައިދުރުކަމުގައި އުޅެވޭނެ ފަހި މާހައުލެއް ނެތެވެ. ނިޒާމްތަކެއް ނެތެވެ. ދައުލަތުން ޚިދުމަތްދޭ ތަންތަނާއި އާއްމު ވިޔަފާރިތަކަށްވެސް އެކަމަށް ތައްޔާރުވެވިފައެއް ނެތެވެ. ކަމާއި ބެހޭ ފަރާތްތަކުން ދިންހާ ނަސޭހަތާއި އިރުޝާދަށް އެއްބަޔަކު ތަބާ ނުވުމުން މިއަދު މުޅި ޤައުމު މިއޮތީ އޭގެ ދިލަވޭން ތަހައްމަލު ކުރަން ޖެހިފައެވެ.

މާލެތެރެއިން މިހާރު 4 ކުލަސްޓާއެއް ފެނިފައިވާއިރު، އަދިވެސް ޕޭޝަންޓް ޒީރޯއަކީ ކާކުކަމެއް ދެނެއެއް ނުގަނެވެއެވެ. އަދި ދެނެގަތުމަކީ ފަސޭހަ ކަމަށްވެސް ނުވާނެއެވެ. އެހެންނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން ކެނޑިނޭޅީ އެގެންދަނީ އެމަސައްކަތް ކުރައްވަމުންނެވެ.

މާލެތެރެއިން އޭޕްރީލް 18 ވަނަ ދުވަހުގެރޭ 23:59 އާއި ހަމައަށް ޖުމުލަ 15 މީހުން ޕޮޒިޓިވް ވެފައި ވާއިރު، އެމީހުން ބެހެނީ ހަތަރު ކުލަސްޓާއަކަށެވެ. މިހަތަރު ކުލަސްޓާގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި އެތައް ސަތޭކަ ބަޔަކު ވަނީ ފާހަގަކުރެވިފައެވެ.

ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އަޒީޒު ވިދާޅުވީ، މިހާރު ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި މާބަނޑުއަންހެނަކާއި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމުގައި ވާއިރު، އުމުރުން ދުވަސްވީ މީހަކު އަދި ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހުން ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭކަން މަބުރޫކުވެސް ފާހަގަކުރެއްވިއެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ ކޮންޓެކްޓް ހޯދިފައިވަނީ، ކޭސް 21 އާއި ގުޅުން ހުރި ކޮންޓެކްޓުންގެ ގޮތުގައެވެ. މިގޮތުން 207 މީހުން އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާއިރު، އެކްލަސްޓާގައި އެކަނިވެސް ޕޮޒިޓިވްވުމުގެ ފުރުޞަތު ބޮޑު 70އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ކޭސް 23 އާއި ގުޅޭ ކޮންޓެކްޓުންގެ ތެރޭގައިވެސް 100 ވުރެ ގިނަ މީހުން ހިމެނެއެވެ.

ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ، ވަޒީފާގެ ގޮތުން ގިނަ ބަޔަކާއި ބައްދަލުވާ މީހުންނަށް ވުމާއިއެކު، މުޖުތަމައުގެ ތެރެއަށް ބަލި ފެތުރިފައިވެދާނެ މިންވަރާއި މެދުވެސް ވަނީ ނިހާއީ ކަންބޮޑުވުންތައް އުފެދިފައެވެ.

މާލޭގައި އާއްމުންގެ ތެރޭގައި ބަލި ފެތުރިފައިވާ ގޮތާއި ގުޅޭ ގޮތުން އެޗްޕީއޭއިން ހަދާފައިވާ ދިރާސާ ހުށައަޅުއްވަމުން، ހުކުރު ދުވަހުގެރޭ ޑރ ޝިނާ މޫސާ ވިދާޅުވީ، މާލެ ތެރޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ އަދި އެކަން ދެނެގަނެވިފައިނުވާ 100 ވުރެ ގިނަ މީހުން އުޅޭނެ ކަމަށެވެ.

ޑރ ޝިނާ ވަނީ މިހާރު މިފެތުރެމުންދާ ރޭޓުގައި 14 ވަނަ ދުވަހާއި ހަމައަށް ދާއިރު، ރާއްޖޭގެ ސިއްހީ ނިޒާމަށް އޮބި ނޯންނަވަރަށް މީހުން ބަލިވެގެން ހިނގައިދާނެކަމަށެވެ.

"އަޅުގަނޑުމެން މިހާރު އޮރެންޖު ސިނާރިއޯގައި ބަލާ ކަމަށްވަންޏާ ގާތްގަނޑަކަށް 2000އެއްހާ މީހުން މަރުވެގެންދާނެ މި ސިޗުއޭޝަންގައި އަޅުގަނޑުމެން ތިބެއްޖެއްޔާމުން،" ޑރ. ޝީނާ ވިދާޅުވިއެވެ.

މާލެއިން ފެނުނު ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި ސީދާ ބައްދަލުވި މީހުން އަތޮޅުތަކަށްވެސް ގޮސްފައިވާއިރު މުޅި ރާއްޖެއަށް ބަލި ފެތުރިގެން ދިޔުމުގެ ބިރު މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ. އެހެންކަމުން ރާއްޖޭގެ ހާލަތާއި މެދު ޖެހޭ ނުރައްކަލުގެ އިންޒާރުގެ ރަނގަބީލުގެ އަޑު ހައްތާ މިދަނީ ގަދަވަމުންނެވެ.

މިގޮތުން އިންޒާރުގެ އެންމެ ވަރުގަދަ އެއް ރަނގަބީލެއް ޖެއްސެވީ ޑރ ނަޒްލާ ރަފީޤެވެ. މިހާލަތަށް ރިއާޔަތް ކުރައްވައި ޑރ ނަޒްލާ ވިދާޅުވީ، ހަމަކޮންމެ މީހަކީވެސް ބައްޔަށް ޕޮޒިޓިވް މީހަކަށްވުން ނުވަތަ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވެފައިވާ މީހަކަށް ވުން އެކަށިގެންވާ ކަމަށެވެ.

"ކޮންމެ މީހަކުވެސް ޕޮޒިޓިވް މީހަކަށް ވެދާނެ. ނުވަތަ ޕޮޒިޓިވް ކޭސްއެއްގެ ކޮންޓެކްޓަކަށް ވެދާނެ." ޑރ ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެންމެ ކުރިންވެސް ދެވެމުން އައި އިންޒާރުތަކަށް ބައެއް މީހުންގެ ފަރާތުން މާބޮޑު ސަމާލުކަމެއް ނުދީ ތިބުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު މުޅި މުޖުތަމައުގެ އެންމެންނަށް ވަނީ ބަލީގެ ނުރައްކާ ބޮޑުވެފައެވެ. މިހާލަތުގައި ދެން ބަލި ފެތުރުން ހުއްޓުވެން އޮތީ އާއްމުންނަށެވެ. އެއީ ކިތަންމެ ބޮޑު ޟަރޫރީ ބޭނުމެއްގައިވެސް ގެއިން ބޭރަށް ނުނުކުތުމެވެ. ގޭގައި ތިބުމެވެ. ޤައުމުގެ މުސްތަޤުބަލް ސަލާމަތް ކުރުމަށް އަޅުގަނޑުމެންނަށް އޮތީ 14 ދުވަހެވެ.