ތިމާވެށި

ތެޔޮ ނުވަތަ ގޭސް ހުރިކަމުގެ ހެކިތައް ލިބިއްޖެ - ޑރ. ޝައިނީ


ރާއްޖޭގެ ކަނޑުގައި ތެޔޮ ނުވަތަ ގޭސް ހުރިކަން ކަށަވަރުކޮށްދޭފަދަ ހެކިތަކެއް ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ކުރި ދިރާސާގެ ރިޕޯޓާއި ހަވާލުވެވަޑައިގަތުމަށް ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ރާއްޖެއައި ޖަރުމަނުގެ "ސޮންނޭ" ނަމަކަށް ކިޔާ ބޯޓަކުން ވަނީ ރާއްޖޭގައި ތެލާއި ގޭސް ހުރިކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ތިން ސަރަހައްދުގެ ތެރެއިން ދެ ސަރަހައްދެއްގެ ސައިޒްމިކް ސާވޭއެއް ހަދާފައެވެ. އެއީ ހައްދުންމައްޗާއި، ކޮޅުމަޑުލާއި ދެމެދުގެ އިރުމަތީ ފަރާތުން ސަތޭކަ މޭލުގެ ބޭރުގައެވެ. އެފަރާތުން ހެދި ސާރވޭގެ ރިޕޯޓާއި ހަވާލުވުމަށް ޖަރުމަންވިލާތައް ކުރެއްވި ދަތުރުފުޅަށްފަހު ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ކަނޑުއަޑިން "ފުލުއިޑެއް ނުވަތަ ގޭސް" އަރާކަން ކުރި ދިރާސާތަކުން ހާމަވެގެން ގޮސްފިކަމަށެވެ. "ދިރާސާކުރި ސަރަހައްދުގެ ވަކި ހިސާބުތަކަކުން އަޑިން އެއްޗެހިތަކެއް އަރާ ކަމަށް އެބަ ދައްކާ. މިއީ ގޭސް ވިޔަސް ފުލުއިޑް ވިޔަސް އެއްޗެހިތަކެއް އަރާ ކަމުގެ ނިޝާންތަކެއް." މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ، ވިދާޅުވީ، މިދިރާސާ ކުރި ފަރާތަކީ ތެޔޮ ނެގޭނެގޮތާއި، ތެޔޮ ހުރި މިންވަރު ބަލާ ބައެއް ނޫންކަމަށާއި، އެގުރޫޕަކީ އަމައެކަނި ތެޔޮ ހުރިތޯ ދިރާސާ ކުރާބައެއްކަމަށެވެ. ނަމަވެސް، ދިރާސާގެ ނަތީޖާތައް ހުރިގޮތުން އުއްމީދު އާވެގެން ގޮސްފިކަމަށާއި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެތެރޭގައި ކަނޑުގެ އަޑި ތޮރުފައިގެން އެހެން ދިރާސާއެއް ކުރުމަށްޓަކައި ބޯޓެއް ރާއްޖެ އަންނާނެކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވި. އެއިން އިތުރު ތަފްސީލް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ޝައިނީ ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މުޅި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެޔޮ ހުރިތޯބެލުމަށް ދިރާސާއެއް ހެދުންކަމަށާއި، އެކަމުގެ ޝައުގުވެރިކަން ނޯވޭއާއި އިނގިރޭސިވިލާތުގެ ކުންފުންނަކުން ފާޅުކޮށްފައިވާކަމަށެވެ. އެފަދަ އަގުބޮޑެތި ދިރާސާތައް ކުރުމަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރާނީ އެކަމުގައި އުއްމީދެއް އޮތުމުން ކަމަށާއި، މި މަސައްކަތުގައި އެހީ ހޯދާނީ ކޮން ފަރާތަކުންކަން ނިންމާނީ ދެފަރާތާއިވެސް ވާހަކަދައްކައި، މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްފަހުކަމަށް ވިދާޅުވިއެވެ. އަދި  ވަރަށް އަވަހަށް އެމަސައްކަތްކުރުމަށް ބަޔަކާއި ހަވާލުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. "އަޑިން އަރާ ހޫނުން ތެޔޮ އުފެދޭ ވަރު ވޭތޯ ބަލަންޖެހޭ. އާދެ ހޫނުކަން އެބަހުރި، އެކަންވެސް ޔަގީންވެގެން ހިނގައްޖެ. ދެން ބަލަންޖެހެނީ، އަޑިން އަރަނީ ކޯޗެއްތޯ. އެކަން ބެލުމުގެ މަސައްކަތް ކުރަމުން މިދަނީ. މިއަހަރު ނިމެންވާއިރަށް އެކަމަށް ބޭނުންވާ ދިރާސާތައް ހެދިގެންދާނެ" މިނިސްޓަރ ޝައިނީވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ މި ހުރިހާ މަސައްކަތެއްވެސް ސަރުކާރުން ކުރަނީ ވީހާވެސް ޚަރަދު ކުޑަކޮށްކަމަށާއި، މީ ވަރަށް އަގުބޮޑު މަސައްކަތަކަށްވުމާއިއެކު، ޚަރަދު ކުޑަކޮށް ކުރުމަށް  އިންޑަސްޓްރިއަލް ލެވެލްގައި މަސައްކަތްކުރަނި އެކަމަށް ޝައުގުވެރި ކުންފުނިތަކާއި ގުޅިގެން ކަމަށެވެ. ރާއްޖެއިން ތެޔޮ ހޯދުމަލީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.ރާއްޖެއިން ތެޔޮ ހޯދުމަށް މަސައްކަތް ކުރަން ނިންމާފައިވަނީ ބްލޮކްތަކަކަށް ބަހާލައިގެންނެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ، ތެޔޮ ހޯދުމަށް ކުރާ މިމަސައްކަތަށް ބަޔަކު ހުރަސް އެޅުމަށް މަސައްކަތްކުރަމުން ގެންދާކަމަށެވެ. އެގޮތުން މިދިރާސާ ކުރިއަށްގެންދާ ޔުނިވާސިޓީއަށް ބަޔަކު ވަދެ އެފަރާތަށް ބިރުދެއްކުމަށް މަސައްކަތްކޮށްފައިވާކަމަށެވެ. މީ ރައްޔިތުން މާޔޫސްކޮށްލުމަށް ބަޔަކު ކުރާ މަސައްކަތެއްކމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ، މީ ދިވެހިންގެ ކުރިއެރުމަށް ކުރާ މަސައްކަތެއްކަމަށާއި،  މިކަމުގައި ދިވެހިން ޝާމިލްވާނަމަ އެކަން ނުކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ..