ޚަބަރު

ކޯވިޑް-19 : ޤަވާޢިދާ ޚިލާފަށް ރިސޯޓް މުވައްޒަފުން ގޮވައިގެން އައްޑުއަށް ދިޔަ ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފި


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށަކުން އަރާ ފޭބުން މަނާކޮށްފައިވަނިކޮށް، ރިސޯޓް މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީއަށް ދިޔަ ލޯންޗް ކެޕްޓަން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ޚިލާފަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދައެއް ނުނަގައި ރިސޯޓަކުން މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީ ހިތަދޫއަށް ދަތުރުކުރި ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށެވެ. މުވައްޒަފުން ގޮވައިގެން އައްޑޫ ސިޓީއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8:15 ގައިކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރު އަންނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ އެހެން ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަން މިހާރު ވަނީ ޢިއުލާންކުރައްވާފައެވެ. އެގޮތުން ވަކިގޮތެއް އަންގަންދެން ވަކި ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށްވަނީ އަމުރުކުރައްވާފައެވެ. މިޙާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކުރައްވާފައިވާ އަމުރުގައި އަންގަވާފައިވެއެވެ.

މީގެއިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަބަޔަކު އެއްވެއުޅުން ހުއްޓައިލުމަށާއި ވަކިން ޚާއްޞަކޮށް، ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫންވެސް ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުމަށް މިއަމުރުގައި އަންގަވާފައިވެއެވެ.

ކޯވިޑް-19އިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި ރިސޯޓުތަކުންނާއި ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ މީހުން ކޯވިޑް-19އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ.