ޚަބަރު

އައްޑޫއާއި ފުވައްމުލަށް ސިޓީގައިވެސް މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް އަންގައިފި


މާލެއާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށް އައްޑުއާއި ފުވައްމުލައް ސިޓީގައިވެސް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްވެއުޅުން މަދުކުރުމަށް، މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ރިސޯޓްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ މުއްދަތު ވަނީ މިމަހުގެ 30 ވަނަދުވަހަށް އިތުރު ކޮށްފައެވެ. އަދި އައްޑޫއާއި ފުވައްމުލަށް ސިޓީއާއި ފުވައްމުލަށް ސިޓީގައި މިއަދުގެ މަޢްރިބް ނަމާދުންފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށް ފަރުޟު ނަމާދު ޖަމާއަތުގައި މިސްކިތްތަކުގައި ނުކުުމަށް ވަނީ އަންގާފައެވެ.

މިއީ ކޯވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަށެއް ލޮކްޑައުންނަށ ްގެނެސްފިނަމަ އެ ހާލަތް ދެމިއަޮތްހާ ހިނަދަކު ފަރުޞު ނަމާދާއި ހުކުރ ނަމާދު ޖަމާޢާތުގަިއ ނުކުރުމަށް ވަނީ އަންގާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން، ވެސް ވަނީ މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިންގެ ޙާލަތަށް ގެނެސްފިނަމަ، އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ނުކުރުމަށް މީގެ ކުރިން ވެސް އަންގަވާފައެވެ. މިއީ އެއްވަގުތެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުން ރައްކާތެރި ނޫންކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ކުރިއަށް ނުގެންދިޔަނަމަވެސް، އެއްވެސް މިސްކިތެއް ބަންދުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރިނަމަވެސް މީހާގެ ވަށައިގެން 6 ފޫޓު ދުރުމިން ބަހައްޓައިގެން ނަމާދުކުރުމަށް ވަނީ އިރުޝާދުދީފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މި މުއްދަތުގައި ގިނައިން ގޭގައި ނަމާދު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހުކުރު ދުވަހުވެސް ހުކުރު ނަމާދުގެ ބަދަލުގައި ގޭގައި މެންދުރު ނަމާދު ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.