ޚަބަރު

ލޭ ލިބުން ދަތިވެ އަނެއްކާވެސް ތެލަސީމިއާ ކުދިން ގޮތް ހުސްވެފައި


ތެލަސީމިއާ ކުދިންނަށް ލޭ ލިބުން އަނެއްކާވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ތެލަސީމިއާ ސެންޓަރުން ބުނެފިއެވެ.

ތެލަސީމިއާ ސެންޓަރުގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކްސް ޑރ. އުމަރު ވިދާޅުވީ މިވަގުތު މޯލްޑިވްސް ބްލަޑް ބޭންކްގައި ހުރިީ ވަރަށް މަދު ޔުނިޓްގެ ލޭކަމަށެވެ. އަދި ހުރިހާ ގްރޫޕްތަކުގެ ލޭވެސް މަދު ކަމަށެވެ.

ރާއްޖޭގައި މިހާރުވެސް ލޭ އަޅާ 600 އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ. މީގެތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ މާލޭގައި ދިރިއުޅެމުން އަންނަ ކުދިންނެވެ.

ޑރ.އުމަރު ވިދާޅުވީ މިވަގުތު މޯލްޑިވްސް ބްލަޑް ބޭންކުގައި ހުރީ 16ޔުނިޓްގެ ލޭކަމަށެވެ. މިއީ ޚިދުމަތް ހޯދާ ކުދިންގެ އަދަދާއި ބަލާއިރު ވަރަށް މަދު އަދަދެއްކަމަށާއި، ލޭ ލިބުމުގައި ބޮޑެތި ދަތިތައް ތެލަސީމިއާ ތަހަންމަލްކުރަމުންދާ މީހުންނަށް ކުރިމަތިވަމުންދާކަމަށެވެ. ޑރ.އުމަރުވަނީ ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާ ކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ.

"ލޭ ހަދިޔާ ކުރަން ބޭނުން މީހުން ހަމަ ތެލަސީމިއާ ސެންޓަރަށް ގުޅާލާވަ އަންނަންވީ، ނޫނީ ފަސޭހަ ވަގުތެއްގައި އަންނަންވީ ހަމަ. ކޮންމެ އާދިއްތައިން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00އިން 03:00އަށް ލޭ ހަދިޔާކުރުމަށް އާދެވޭވެ. މަގުމައްޗަށް ނިކުތުމުގެ ކުރިން ޕޮލިހުންނަށް އަންގާލީމަ އާދެވޭ ސެންޓަރާއި ހަމައަށް." ޑރ އުމަރު ވިދާޅުވިއެވެ.

ޑރ.އުމަރު ވިދާޅުވީ އާއްމުކޮށްވެސް ރާއްޖޭގައި ދަރުމައަށް އެދިގެން ލޭ ހަދިޔާކުރާ މީހުން ވަރަށް މަދުކަމަށެވެ. އަދި ތެލަސީމިއާ ޕޭޝަންޓުން ޑޯނަރުން ގިނައިން ހޯދަނީ އަމިއްލައަށް ރައްޓެއްސެއްގެ ކައިރީ ބުނެގެން، ނޫނީ އާއިލާގެ އެހީގައިކަމަށެވެ. އަދި ބްލަޑް ބޭންކަށް އާއްމުކޮށް ލޭ ހޯދަނީ ރިސޯޓްތަކާއި މުޢައްސަސާތައް ގުޅިގެން ބާއްވާ ކޭމްޕްތަކުންކަމަށްވެސް ޑރ.އުމަރު ވިދާޅުވިއެވެ.

ނަމަވެސް މި ޙާލަތުގައި ލޭ ހޯދުމަށް އެއްވެސް ޙަރަކާތެއް ބޭއްވެން ނެތުމާއެކު ކޮންމެ މީހަކުވެސް މި ދަނޑިވަޅުގައި، ތެލަސީމިއާ ކުދިންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް، އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކޮށްދެއްވުމަށް ޑރ.އުމަރުވަނީ އާންމުންގެ ކިބައިން އެދިލައްވާފާއެވެ.

ތެލަސީމިއާ ސެންޓަރުގައި ހުންނަ މޯލްޑިވްސް ބްލަޑް ބޭންކުގެ އިތުރަށް އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭއަށްވެސް ލޭ ހަދިޔާކުރެވޭނެވެ.

މޯލްޑިވްސް ބްލަޑް ބޭންކުގައި ހުންނަނީ 200ޔުނިޓުގެ ލޭ ރައްކާކުރެވޭނެ ޖާގައެވެ. ނަމަވެސް މާލޭގެ ހޮސްޕިޓަލްތަލްތަކުގައި ހުރި ޖާގައާއެކު ލޭ ރައްކާކުރެވޭ ޔުނިޓުތަކުގެ ޖާގަ 1000އަށްވުރެ މައްޗަށް އަރައެވެ.

ލެއަކީ ތެލަސީމިއާ ކުދިންގެ ފުރާނައާއި ގުޅިފައިވާ އެންމެ މުހިންމު ޚިދުމަތެވެ. އެހެންކަމުން މި ދަތި ވަގުތުގައި، އެކުދިން ލޭ ހޯދުމަށް ކުރާ މަސައްކަތުގައި ދަރުމައަށް އެދިގެން އެހީތެރިކަން ފޯރުކޮށްދިނުން މުހިންމެވެ. މިއީ އެންމެންގެވެސް ޒިންމާއެކެވެ. ކޮންމެ ލޭ ތިއްކަކީ މާތް ޞަދަގާތެކެވެ.