ޚަބަރު

މިމަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ނިންމަވައިފި


މިމަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އެޗްޕީއޭ އިން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާކަމަށެވެ.

އަދި ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދެއްވަންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރުއްވައިގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

އޭގެތެރޭގައި ހިމެނެނީ:


  • ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
  • ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
  • ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
  • ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
  • ބޭންކުތަކުން ދޭ ޚިދުމަތް؛
  • ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
  • ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
  • ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
  • ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
  • ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
  • ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
  • ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
  • އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
  • ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
  • ޖަލުތަކުގެ ޚިދުމަތް؛
  • ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
  • މޫސުމާބެހޭ ޚިދުމަތް.


ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ މި ބަލާބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.