ހުޅުމަލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ނިންމައި ބޭނުންކުރެވޭ ޙާލަތަށް ގެނެވޭނެކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ފެތުރިއްޖެ ޙާލަތެއްގައި ހޮސްޕިޓަލްގައި ބައިތިއްބައިގެން ފަރުވާ ދޭން ޖެހޭނީ 20 އިންސައްތަ މީހުންނަށްކަމަށް މިހާތަނަށް ހެދި ދިރާސާތަކުން ދައްކާކަމަށެވެ. މި އަދަދަށް ޚިދުމަތް ދެވޭވަރަށް މިހާރުވެސް ސިއްޙީ ވަސީލަތްތައް ޤާއިމުވެފައިވާކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް ކޮށްފައިވާ އަންދާޒާތަކަށްވުރެ ކޭސްތަށް އިތުރުވެއްޖެނަމަ އެ ކެޕޭސީޓީ ހޯދުމުގައި ދަތިވާނެކަމަށެވެ.
އެހެންކަމުން މި ދަނޑިވަޅުގައި އެކަކު ގައިން އަނެކަކުގެ ގަޔަށް ބަލި ފެރުން ކުޑަކުރުމަށް ވީހާވެސް ބޮޑަށް ގައިދުރުކަން އިތުރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
"އެޑްމިޓްކޮށްގެން ފަރުވާދެވޭނެހެން އެންދުތައް ހުރީ ތައްޔާރުކުރެވިފައި. ހުޅުމާލެ މެޑިކަލް ފެސިލިޓީވެސް 5 ދުވަހުގެ ތެރޭގައި ހުޅުވޭނެ." މަބުރޫކް ވިދާޅުވިއެވެ.
ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީއަކީ 300 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެކެވެ. "ކޯވިޑް ވިލެޖް"ގެ ނަމުގައި ހަދާ މި ފެސިލިޓީ ހުންނާނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތިން އޮތް ބިމުގައެވެ. މިއީ ކޯވިޑް ޙާލަތުގައި ސިއްޙީ ޙާލު ގޯސްވާ މީހުންނަށް ފަރުވާދިނުމަށް ހަދާ ފެސިލިޓީއެކެވެ.
އެޗްޕީއޭއިންދަނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ފެސިލިޓީތަށް ހަދަމުންނެވެ. އަދި މީގެއިތުރަށް މި މަސައްކަތުގައި އެހީވުމަށް އިތުރު ސިއްޙީ އެހީތެރިން ފްރޮންޓްލައިނަށް ނުކުތުމަށް ދަނީ އިލްތިމާސްކުރަމުންނެވެ.