ޚަބަރު

ބަނދަރުން މުދާ ބޭލުމުގެ ޚިދުމަތް މާދަމާ ފަށާނަން، ނެރެވޭނީ އެންމެ ޒަރޫރީ ތަކެތި - ޝާހިދު އަލީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއިން ކޯވިޑް-19ގެ މަޢުލޫމާތު ހިއްސާކުރުމަށް ގެނެސްދެމުންދާ ލައިވްކަވަރޭޖުގައި މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ ފުރަބަންދުގެ މި ޙާލަތުގައި ކުރިއަށްގެންދާ އޮޕަރޭޝަންގައި ނެރެވޭނީ ހަލާކުވާ ޒާތުގެ ތަކެއްޗާއި، ކާބޯތަކެއްޗާއި، ބޭހާއި އަދި މިވަގުތަށް އެންމެ ޒަރޫރީ ބާވަތްތައް އެކަނިކަމަށެވެ.

މިވަގުތު ޕޯޓް އޮޕަރޭޓް ކުރާނީ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރާއި، އިކޮނޮމިކް މިިނިސްޓްރީއާއި ރައީސް އޮފީހުގެ ލަފަޔާއިއެކު ނިންމާ ނިންމުމުގެ މަތިންކަމަށް ޝާހިދު ޢަލީ ވަނީ ވިދާޅުވެފައެވެ. މިއަދު ކުރިއަށްދާ ފަހުގެ މަޝްވަރާތަކަށްފަހު މާދަމާ ޕޯޓުގެ ޚިދުމަތް ދޭން ފަށާނެކަމަށް ސީއީއޯ ވިދާޅުވިއެވެ. ޚިދުމަތްދޭނެ ވަގުތުތައް އެމްޕީއެލްއިން އަންގަމުން ދާނެއެވެ.

"ބާލާ މުދާ ހަމަ ކޮންމެދުވަހަކު ކްލިއަރ ކުރަމުން ދިޔައީ ލޮކްޑައުންގެ ކުރިން. ލޮކްޑައުން އިޢުލާންކުރުމާއިއެކު ޕޯޓު ބަންދުކުރިން. ނަމަވެސް ބަންދުކުރި އިރު ހުރި ހަލާކުވާ ޒާތުގެ މުދާތައް އިއްޔެ ޚާއްސަ ހުއްދައަކާއިއެކު ވަނީ ގުދަންތަކަށް ގެންގޮސްދީފަ." ޝާހިދު އަލީ ވިދާޅުވިއެވެ.

ޝާހިދު އަލީ ވިދާޅުވީ ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ މުދަލުގެ ސްޓޮކްތައް މިހާރުވެސް މެދުނުކެނޑި އަންނަމުންދާކަމަށެވެ. އެގޮތުން މިވަގުތުވެސް ބަނދަރުގައި ބޯޓު އެބަހުރިކަމަށާއި، މާދަން އަންނަން ހަމަޖެހިފައިވާ ބޯޓަކާއި، އިތުރު ބޯޓުތައްވެސް އައުމުގެ މަގުމަތީގައިވާކަމަށެވެ.

"މިވަގުތު 1 ބޯޓު އެބައޮތް މުދާ ބާލަމުންދާ. ހަނޑޫ ހަކުރު ފުއްފަދަ ބާވަތްތައް މީގައި ހުރީ. ކޮންޓެއިނަރ ބޯޓުތައްވެސް އެބަ އާދޭ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އިތުރު 2 ބޯޓު އަންނާނެ. އިންޑިއާގެ 1 ބޯޓްވެސް ރާއްޖެ ސަރަޙައްދަށް ވަދެފި. އަދި އިތުރު 2 ބޯޓެއްވެސް އެބަ ރާއްޖެއަށް ދަތުރުކުރޭ." ޝާހިދު އަލީ ވިދާޅުވިއެވެ.

ލޮކްޑައުންގެ ޙާލަތުގައި އެމްޕީއެލްއިން ޚިދުމަތް ދޭނީ އެ ކުންފުނީގެ ޚާއްސަ ޓީމެއް ނެރެގެންނެވެ. މި ޚިދުމަތްތައް މާދަމާ އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، ކަންކަން ހަމަޖައްސަނީ އެމްޕީއެލްއާއި ކަސްޓަމްސް އާއި އިމިގްރޭޝަންފަދަ މުއައްސާތައް ގުޅިގެންނެވެ.