ވިޔަފާރި

ކެތްތެރިވޭ، ޑެލިވަރީ އަންނާނެ، މިއީ ޙާއްސަ ޙާލަތެއް


ކޯވިޑް19ގެ ކޭސްތަކެއް މާލެއިން ފެނުމާއެކު، ރައްކާތެރިވުމުގެ ގޮތުން މުޅި މާލެ މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ. މާލެސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން މިހާރު މި ސަރަހައްދުގައި އާންމުން ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ކާބޯތަކެއްޗާއި އެހެނިހެންވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގަންނަން ބޭރަށް ނުދިއުމަށް ކަމާގުޅުންހުރި މުވައްސަސާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

މާލެ ލޮކްޑައުންއަކަށް ހިނގައިދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއިން މީގެ ކުރިން ވަނީ މިފަދަ ހާލަތަކަށް ހިނގައްޖެނަމަ މާލެ ސަރަހައްދުން ޑެލިވަރީގެ ޙިދުމަތް ދޭނެ ފިހާރަތާކައި ރެސްޓޯރަންޓްތައް ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައެވެ. މި ހުޅުވާލި ފުރުސަތުގައި ބައެއް ކެފޭ ރެސްޓޯރަންޓްތައް އަދި ފިހާރަތައް ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި މި ފުރުސަތު ނުލިބޭ ފަރާތްތަކަށް މިހާރުވެސް ވަނީ މި ފުރުސަތު ހުޅުވާލާފައެވެ.

މާލެ ސަރަހއްދުގައި މިހާރުވެސް 100 އަށްވުރެ ގިނަ ފިހާރަ ކެފޭ ރެސްޓޯރަންޓުން އަންނަނީ ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދެމުންނެވެ. ލޮކްޑައުންއަށް ދިއުމުގެ ކުރިން ޑެލިވަރީ ކުރެވޭނެ ފިހާރަތަކާއި ޑެލިވަރީ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ދަނޑިވަޅުގައި ރައްޔިތުންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެންމެހައި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، އާންމުން ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

ޑެލިވަރީގެ ނިޒާމު ރަނގަޅު ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް މިއީ ހުރިހާ އެންމެންވެސް ކެތްތެރިކަން އިސްކުރަންވީ ވަގުތެވެ. މާލޭ ސަރަހައްދުގައި އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނައިރު މުޅި މާލެ ލޮކްޑައުންއަށް ގޮސްފައިވާ މި ދަނޑިވަޅުގައި މަދު ފިހާރަތަކަކުން ޑެލިވަރީގެ ޙިދުމަތް ދެމުން އަންނައިރު އެފަރާތްތަކަށްވެސް ޑެލިވަރީ ކޮށްދިނުމުގައި ދަތިތަކެއް ދިމާވާނެއެވެ. އެހެންކަމުން ބޭނުންވާ އަވަސްމިނުގައި ތަކެތި ނުލިބުނު ނަމަވެސް އާންމު ރައްޔިތުން ކެތްތެރިކަން އިސްކުރަންޖެހެއެވެ.

ޑެލިވަރީގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަންމަތީ ފިހާރަތަކަށް ޑެލިވަރީކުރުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރަމުން އަންނަކަން ސަރުކާރުން ހާމަކުރައްވައެވެ.
ޑެލިވަރީގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަންމަތީ ފިހާރަތަކަށް ޑެލިވަރީކުރުމުގެ ހުއްދަ ދިނުމަށް މަސައްކަތްކުރަމުން އަންނަކަން ސަރުކާރުން ހާމަކުރައްވައެވެ.

ފިހާރަތައް ހިންގާ ފަރާތްތަކުން ބުނާގޮތުން ޑެލިވަރީއަށް ވަރަށް ބާރު ބޮޑެވެ. އަދި ދަތިތައް ދިމާވަމުންދަނީ ގިނަ ބަޔަކު ޑެލިވަރީއަށް ގުޅަމުންދާތީކަން ފިހާރަތަކުން ފާހަގަކުރިއެވެ. މިކަން ހައްލުވާނީ ގިނަ ފިހާރަތަކުން ޑެލިވަރީ ފެށުމުންކަމަށް ވިޔަފާރިވެރިން ބުނެއެވެ. މީގެއިތުރުން ފިހާރަތަކުގައި ސްޓޮކް ނެތުމާއި، ސްޓޮކް ހޯދުމަށްވެސް ލޮކްޑައުންގެ ސަބަބުން ދަތިތަކެއް ކުރިމަތިވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ޑެލިވަރީގައި މައްސަލަތައް ނިކުންނަނީ މާލޭއާއި ރާއްޖޭގައި އާއްމު ޚިދުމަތަކަށް ޑެލިވަރީގެ ޚިދުމަތް ނުވާތީކަމަށެވެ. އަދި ޑެލިވަރީގެ ޚިދުމަތަށް މީހުން އާދަވާން ފެށުުމުން މިހާރު ދިމާވާ މައްސަލަތައް މަދުވާނެއެވެ.

ޑެލިވަރީގައި ޚިދުމަތް ބޭނުންކުރުމުގައި އާއްމުންނަށްވެސް ސަމާލުކަން ދެވިދާނެ ކަންތައްތަކެއް ހުންނާނެއެވެ. އެގޮތުން ކޮންމެފަހަރަކު ބޭނުންވާ އެއްޗަށް ވަކިވަކީން އޯޑަރު ދިނުމުގެ ބަދަލުގައި، ގެއަށް ބޭނުންވާ ހުރިހާ އެއްޗަކަށް ދުރާލާ އޯޑަރު ދީފައި ބެހެއްޓިދާނެއެވެ. އަދި އެއްޗެއް ހުސްވުމުން އޯޑަރުދިނުމުގެ ބަދަލުގައި، ހުސްވުމުގެ ކުރިން ފިހާރަތަކަށް އޯޑަރު ދެވިއްޖެނަމަ ދަތިތައް ކުރިމަތިވުން މަދުވާނެއެވެ. މީގެއިތުރުން ޖެހިގެން އަންނަ ދުވަހަށް ބޭނުންވާ ތަކެތީގެ އޯޑަރު އޭގެ ކުރީ ދުވަހު ދިނުމަކީވެސް މިދަނޑިވަޅުގައި ކުރެވިދާނެ ކަންތައްތަކެވެ.

ކޮންމެހެންވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ މިއީ ޙާއްސަ ޙާލަތެއްކަމެވެ. މިހާލަތުގައި އެންމެ މުހިއްމީ ކެތްތެރިވާންޖެހުމެވެ. އޯޑަރުދޭ ތަކެތި ފަސް މިނެޓު ތެރޭގައި ގެޔަށް ނާންނާނެކަން ދަންނަންޖެހެއެވެ. އެކަމަށް ދުވަހެއްވެސް ނަގާފާނެއެވެ. އެކަމާ ކުރެވޭނެ ޝަކުވާއެއް ނެތެވެ. އެއީ ކޯވިޑް19އަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާއިރު މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުންކަމަށްވާތީއެވެ. މިވަގުތު ކެތްތެރިވެ، ސަރުކާރުގެ އިރުޝާދުތަކަށް ބޯލަނބައިފިނަމަ މިކަމުން އަރައިގަންނަން މާގިނަ ދުވަހެއް ނުނަގާނެއެވެ. މިކަންކަމަށް ސަމާލުކަން ނުދީފިނަމަ މުޅި އުމުރު ޑެލިވަރީއަށް ބަރޯސާވާންޖެހުމަކީވެސް އެކަށީގެންވާކަމެކެވެ.