ޚަބަރު

ކޯވިޑް-19 : ޑެލިވަރީ ޚިދުމަތް ހޯދުމުގައި ކޮންމެހެން ސަމާލްވުން މުހިންމު ކަންކަން!


އެއް ދުވަހުގެ ލޮކްޑައުންގައި ވެސް މާލެއަށް ވެއްޓިގެން ދިޔައީ ބޮޑު ހާސްކަމަކަށެވެ. މިމަހުގެ 15ވަނަ ދުވަހު މެންދުރު މާލެ ފުރަބަންދަކަށް ދިއުމަށް ނިންމައި އެކަމަށް އާއްމުން ތައްޔާރުވުމަށް ލިބުނު ގަޑިއެއްހާއިރު މަގުތަށް ފެނުނީ "ޕެނިކް މޯޑް"ގެ ވަގުތުކޮޅެއްގެ ގޮތުގައެވެ. ވަގުތު ޖެހެންވާއިރަށް ގެއަށްދާން އަވަސްވި މީހުންނަށްވުރެ ފިހާރަތަކަށް ޖަމާވި މީހުންގެ އަދަދު އިތުރެވެ. 3:30ގެ ކުރިން ގެތަކަށް ވަންނަން އެންގިއިރު، އެވަގުތު ޖެހުނު އިރުވެސް ފިހާރަތަކުގައި ކިއުތަށް އޮތީ ދަމާލާފައެވެ.

ސައިކަލުގެ ފަހަތުގައި އިންނަ މީހާގެ މޫނު ނުފެންނަވަރަށް ބަރިބަރިއަށް ތަކެތި އުންގަށް އަރުވައިގެން ދެއެވެ. ސައިކަލުގައި ދެފަރާތަށް ކޮތަޅުތަށް އެލުވާލައިގެންދާ މީހުންނާއި، ހިންގާފަދާމީހުން ބަރު ކޮތަޅުތައް ދެއަތުން ހިފައިގެން ދެކޮޅަށް ކިރެމުންދިޔަ މަންޒަރުވެސް ފެނުނެވެ. ގެއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ހޯދުމަށް އެންމެން އުޅުނީ އަވަދިނެތިއެވެ.

ފުރަބަންދުގެ ވަގުތާއިއެކު އާއްމު އުސޫލުން ވިޔަފާރިކުރުން ހުއްޓާލުމުން ދެންވެސް ފެެނުނީ ހަމަ މި މަންޒަރެވެ. އެންމެންވެސް ހޯދަންފެށީ ގެއަށް ކާބޯތަކެތި ވެއްދެން ދެން އޮތީ ކޮން ގޮތެއްތޯއެވެ.

ކޯވިޑް 19ގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމާއިއެކު ނެޝަނަލް އެމަޖެންސީ ސެންޓަރާއި، މާލެ ސިޓީ ކައުންސިލުން ދިޔައީ މި ޙާލަތަށް ގޮސްފާނެކަމަށް ބަލައި އެކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން ޑެލިވަރީގެ ޚިދުމަތް ދޭނެ ފިހާރަތައް ސިޓީ ކައުންސިލްގައި ރެޖިސްޓްރީ ކުރަމުން ދިޔައެވެ.
އޭރު އެދުވަހު ތައްޔާރުވަމުން ދިޔަ ޙާލަތު މިހާރު މިއޮތީ އައިސްފައެވެ. ހީކުރި ގޮތާއި ޚިލާފައި ފިހާރަތަކުން ތަކެތި ގަތުމަށް އޮތް ޑިމާންޑު އޮތީ މާބޮޑަސްވެސް މަތީގައެވެ..

ލޮކްޑައުންގެ ޙާލަތު އައިއިރު ޑެލިވަރީ ފިހާރަތަކާއި ކެފޭތަށް ކަނޑައެޅިފައިވީނަމަވެސް، އެކަމުގެ ރަސްމީ ހުއްދަތަށް ދޫކުރަން ފެށީ އިއްޔެއެވެ. ކާބޯތަކެތި ޑެލިވަރީކުރުމުގެ ކަންކަން މިހާރު ވަނީ ޙައްލަކަށް އައިސްފައެވެ. ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހިމެނޭގޮތަށް ސަތޭކައެއްހާ ތަނަށް މިހާރުވަނީ ހުއްދަދީ ޚިދުމަތްދޭން ފަށާފައެވެ.

ހުއްދަދޭ ފިހާރަތަކުގެ މައުލޫމާތު މާލެ ސިޓީ ކައުންސިލާއި ފުލުހުންދަނީ ޢާއްމުކުރަމުންނެވެ. ނަމަވެސް ލޮކްޑައުންގެ ދެތިން ގަޑިއިރެއްހާއިރުތެރޭ ސޯޝަލް މީޑިއާ ފުރުނީ ޑެލިވަރީ ނަންބަރަށް ނުގުޅުމާއި، ފޯނު ނުނެގުމާއި، ޑެލިވަތީތަށް ލަސްވާ ޝަކުވާ އާއިއެކުއެވެ. ފުރަތަމަ ޚިދުމަތްތައް ދޭން ފެށި ބައެއް ފިހާރަތަަކަށް ލޯޑު ބޮޑުވެ ޚިދުމަތް ނުދެވޭ ހިސާބަށްވެސް ދިޔައެވެ. އަދި އޯޑަރުތައް ނައިސް އެތަށް ގަޑިއިރެއްވިކަމަށް ބައެއް އާއްމުން ބުނެފައިވެއެވެ.

ތަކެތި ގަތުމުގައި ސަމާލްކަން ދޭންވީ ކޮން ކަންތައްތަކަކަށް؟

ގިނަ ފިހާރަތަކާއި ކެފޭތަކާއިއެކު މިހާރު ޑެލިވަރީގެ ޚިދުމަތް އޮތީ ކުރިއަށްވުރެ ފަސޭހަކޮށެވެ. ނަމަވެސް މިއީ ގިނަ ބަޔަކު ހޯދަމުންދާ ޚިދުމަތަކަށްވާތީ ކޮންމެހެން ސަމާލުކަންދޭންވީ ކަންކަން އެބަހުއްޓެވެ.

އެގޮތުން އެންމެ މުހިންމުކަމެއް ދޭންވީ ކޮންމެހެން ބޭނުން ޖެހިއްޖެ ހިނދެއްގައި މެނުވީ ތަކެތި ނުގަތުމަށެވެ. މިގޮތަށް ތަކެތި ގަންނަނަމަ އެންމެ ބޭނުން ޖެހިފައިވާ މީހާގެ އޯޑަރު އެގެތަކާއި ހަމައަށް ފޯރުމަށް އެތަށް ގަޑިއިރެއް ނަގާނެއެވެ.

ތަކެތި ގަތުމުގައި ޒަރޫރީ ތަކެތި ގަންނަން ސަމާލްކަން ދޭންޖެހެއެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި، ބޭހާއި، ސާފުތާހުރުވާން ބޭނުންކުރާ ސާާނާއި، ތުއްތު ކުދިންނަށް ބޭނުންވާ ތަކެތިފަދަ އެންމެ ޒަރޫރި ތަކެތި އެކަނި ހޯދުމަށް އިސްކަންދޭންޖެހެއެވެ. ބޭކާރު ގޮތުގައި ތަކެތި ގަންނަންނަމަ އިސްރާފްގެ ގޮތުގައި މީހާގެ އަތުން ފައިސާ ޚަރަދުވުމާއި، އެންމެ ބޭނުންޖެހޭ ޙާލަތުގައި ފައިސާގެ ދަތިކަން ކުރިމަތިވުމަކީ ގާތްކަމެވެ.

ކާބޯތަކެތި ގޭގައި ހުރިނަމަ އިތުރަށް ތަކެތި ގަނެފައި ނުބެހެއްޓުމަށްވެސް ކަމާއިބެހޭ ފަރާތްތަކުންދަނީ އިލްތިމާސްކުރަމުންނެވެ. މިގޮތަށް ތަކެތި ގަންނަނަމަ ބާޒާރުގައި ބައެއް ބާވަތްތައް ލިބުން ދަތިވެ، ދެން ނިކުންނަ މައްސަލަތަށް މާ ބޮޑުވާނެއެވެ.

ތަކެެއްޗަށް އޯޑާރު ކުރާއިރު ގެއާއި އެންމެ ކައިރި ފިހާރައެއް ނުވަތަ ކެފޭއެއް ބެލުމަށްފަހު އޯޑަރު ދިނުމަކީވެސް މުހިންމުކަމެވެ.

ގެއަށް ގަންނަ ބޭނުންވާ ތަކެއްޗަށް އޯޑަރު ކުރާއިރާއި ތަކެއްޗަށް ފައިސާ ދެއްކުމުގެ ކުރިން ފިހާރަ ނުވަތަ ރެސްޓޯރަންޓަކީ ޚިދުމަތްދޭ ތަނެއްކަން ކަށަވަރުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި އެއީ ޚިދުމަތް ދިނުމަށް ފުލުހުންގެ އިދާރާގައި ރެޖިސްޓްރީ ކޮށްފައިވާ ތަނެއްކަންވެސް ކަށަވަރު ކުރާށެވެ. މިފަދަ ޙާލަތްތަކާއި ދިމާކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރެއެވެ.
މިގެއިތުރަށް ތަކެތި ޑެލިވަރީ ކުރުމުގެ ގަޑިތައް ރަނގަޅަށް އޮޅުންފިލުވާފައި ބަހައްޓަން ޖެހެއެވެ.

ކޯވިޑް 19ގެ މި ޙާލަތާއި ކުރިމަތިލާން ޖެހިފައި މިވަނީ ކުއްލިއަކަށް ނޫނެވެ. މިކަން މިގޮތަށް މެދުވެރިވާނެ ކަމުގެއި އިންޒާރުތައް ދުރާލައި ކަމާއި ބެހޭ އިދާރާތަކުން ދެމުން އައެވެ. މިކަން ދެމިގެނދާނީ ކިހާދުވަހަކަށްކަން އަދި ބުނާކަށް ނޭންގެއެވެ. އެހެންކަމުން ޚާއްސަކޮށް ކާބޯތަކެތި ގެންގުޅުމުގައި ވީހާވެސް ބޮޑަށް އިގްތިޞާދުކޮށް، އިސްރާފް ކުޑަވާނެހެން ކަންކަން ބެހެއްޓުމަށް ކޮންމެ ގެއަކުންވެސް ސަމާލްކަން ދިނުން މުހިންމެވެ..