ތިމާވެށި

މޫސުމީ ބަދަލުތަކުގެ ނުރައްކާތައް މުރާޖައާކުރަންޖެހޭ


މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާމެދު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މުރާޖަޢާކުރަން ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.ދިވެހިރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލާފައިވަނީ މޫސުމީ ބަދަލްތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެދާނެ ނުރައްކާތަކާބެހޭ ގޮތުން އ.ދގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ.މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ފޮރިންގ ސެކްރެޓަރީ އަލީ ނަސީރު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލްތަކުގެ ސަބަބުން އިންސާނީ ދަރިފަސްކޮޅަށް ނުރައްކާވެފައިވާކަން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަންޖެހިފައިވާ ކަމަށެވެ. އަދި މިކަން ބަލައިގަތުމާއެކު މޫސުމީ ބަދަލްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާމެދު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މުރާޖަޢާކުރަން ޖެހިފައިވާކަމަށެވެ.މިބައްދަލުވުމުގައި ފޮރިންގ ސެކެޓްރީ އަލީ ނަސީރު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރައްކާތެރިކަމާއި ހަމަޖެހުން ހޯދުމަށް ތަރައްޤީވަމުންދާ ކުދިޖަޒީރާ ޤައުމުތަކަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަކޮށްފައެވެ.އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް އެއޯސިސްގެ ރިޔާސަތުވެސް ބަލަހައްޓަމުންދާ ރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ފޮރިންގ ސެކްރެޓަރީ ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތާބެހޭގޮތުން އ.ދގައި ބަހުސަކަށްދާން ނިއުޒިލޭންޑުން ހުށައެޅުމުން، އެކަމަށްޓަކައި ނިއުޒިލޭންޑް ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ.