ވިޔަފާރި

ކުރިއަށް އޮތް 24 ގަޑިއިރަށްވެސް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި


ކުރިއަށްއޮތް 24 ގަޑިއިރަށްވެސް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބުނީ ކޯވިޑް 19 އާއި ގުޅިގެން މާލެ ސިޓީގައި ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ކުރިއަށްއޮތް 24 ގަޑިއިރަށް އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައިވާކަމަށެވެ.

ކޯވިޑް19 ގެ ސަބަބުން މާލެސިޓީއަށް އިއްޔެ އިއުލާންކުރި ލޮކްޑައުން އިތުރު 24 ގަޑިއިރަށް މިހާރު ވަނީ އިތުރުކޮށްފައެވެ. މީގެސަބަބުން މޯލްޑިވިއަން މެދުވެރިކޮށް ޔޫ.އޭ.އީ އަށް ފޮނުވާ ކެއަރޕެކެޖްތައް ބަލައިގަތުންވެސް މިވަގުތައްވަނީ މެދުކަނޑާލާފައެވެ.

ކޯވިޑް 19ގެ ސަބަބުން ރާއްޖެއިން ބޭރުގައި ނާދެވިފައިތިބި ދިވެހިން މޯލްޑިވިއަންގެ ޗާޓަރ ފުލައިޓްތަކުގައި ރާއްޖެއަށް ގެނެސްދެމުންދާއިރު ރާއްޖެއިން ބޭރަށް ކާގޯ ފުލައިޓްތައްވެސް އެ އެއަރލައިނުން އަންނަނީ ބާއްވަމުންނެވެ.

ކޯވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މިހާލަތުގައި މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުން އެޗްޕީއޭއިންވަނީ މަނާކޮށްފައެވެ.