ޚަބަރު

ކޯވިޑް-19: މާލޭ ކޭސްތަކާއި ގުޅިގެން 200 އަށްވުރެ ގިނަ މީހުން ވަނީ ދެނެގަނެވިފައި: މިނިސްޓަރ އަމީން


ރޭ ފަތިހު 04.00އާއި ހަމައަށް 200އަށްވުރެ ގިނަ މީހުން އެކިގޮތްގޮތުން ބަލިމީހުންނާއި ކޮންޓެކްޓްވިކަމަށް ޓްރޭސް ކުރެވިފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ކޯވިޑް-19 ލައިވް ކަރޭޖްގައި ފޯނުން ގުޅުއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވީދާޅުވީ މާލޭގެ މިވަގުތުގެ ލޮކްޑައުންއަކީވެސް ބަލިމީހާއާއި ބައްދަލުވި މީހުން ދެނެގަނެ، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރުމަށް ގެނައި ފުރަބަންދެއްކަމެވެ.

މާލެ ތެރެއިން މީހަކު ކޯވިޑް 19އަށް ޕޮސިޓިވްވިކަން ކަށަވަރު ކުރެވުނީ އިއްޔެ ހެނދުނުއެވެ. އެވަގުތުން ފަށައިގެން އިއްޔެ ހަވީރާއި ހަމައަށް 55މީހުން ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ފާހަގަކުރެވި އެކަހެރިކޮށް ޓެސްޓުކުރުމުހެ މަސައްކަތް ފެށިއެވެ.

މި މީހުންގެ ތެރެއިން 11މީހުން އަލާމަތްތައް ހުރެގެން ޓެސްޓު ހެދިއިރު އިތުރު މީހަކު ކޯވިޑަށް ޕޮސިޓިވިވް ވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އަދި 3 ވަނަ މީހަކު ބައްޔަށް ޕޮސިޓިވްވިކަން ކަށަވަރު ކުރެވުނީ ރޭ ދަންވަރުގެ ވަގުތުގައެވެ.

3މީހުން ކޯވިޑަށް ޕޮސިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައްވެސްވަނީ އިތުރުކުރަންޖެހި، އެ މަސައްކަތް ދަނީ ކުރަމުންނެވެ.

"މީހާ އާއި ގުޅުންހުރި ހުރިހާ މަޢުލޫމާތެއް އެބަ އެއްކުރަން. ރޭ ފަތިހު 4އާއި ހަމައަށް 200އަށްވުރެ ގިނަ މީހުން ޓްރޭސް ކުރެވިފައިވޭ. ޑައިރެކްޓް ކޮންޓެކްޓްވި މީހުން، ބައްދަލުވި މީހުންގެ މައުލޫމާތުވެސް އެއްކުރަން." އަމީން ވިދާޅުވިއެވެ.

މިގޮތަށް ޑައިރެކްޓް ކޮންޓެކްޓްވި މިހުންގެ ތެރެއިން 14 މީހަކު އައިސޮލެޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންއީއޯސީން ބުނެފައި ވެއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ލޮކްޑައުން އާއި މެދު ގޮތެއް ނިންމުމަށް ދަނީ މަޝްވަރާކުރަމުން ކަމަށެވެ. މިހާރުގެ 24ގަޑިއިރުގެ ލޮކްޑައުންގައި ކޮންޓެކްޓް ޓްރޭސް ކުރުމުގެ އިތުރަށް، އާއްމުންނަށް ޚިދުމަތްތައް ދިނުމުގެ ކަންކަން ފުރިހަމަކޮށްދޭނެ ގޮތްތައް މުޢައްސާތަކުން ރާވާ ހަމަޖައްސާއި އެކަންކަން ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

"އާއްމުންގެ ދަތިތައް އެބަހުރި ލޮކްޑައުންއަށް ދާންވީމަ. އެކަމަކު މި ހަމަޖައްސަނީ ފިހާރައިން ތަކެތި ލިބޭނެ ގޮތްތަކާއި އެހެން އަސާސީ ޚިދުމަތްތައް. އަދި ދަންނަވަން އުނދަގޫ މިއަދު ލޮކްޑައުން ނިމޭނޭކަން. މަޝްވަރާތައްދަނީ ކުރެވެ،މުން." އަމީން ވިދާޅުވިއެވެ.


ނެޝަނަލް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުންދަނީ ޒަރޫރީ ޚިދުމަތްތައް ބޭނުންވެފައި ތިބި މީހުން ދެނެގަންނަމުންނެވެ. އަދި ޚިދުމަތް ދިނުމަށް މަގުމައްޗަށް ނިކުންނަން ޖެހޭ މިހުން ރެޖިސްޓަރ ކުރަމުންނެވެ.
ފުރަބަންދާއި ގުޅިގެން މިހުން ބޭރަށް ނިކުތުމާއި، އާއްމު ދަތުފަތުރުތައްވެސް އޮތީ މުޅިން ހުއްޓާލަފައެވެ.